05 Jan 2018, 13:29
ދިމާވާ ކޮންމެ ކަމެއްގައިވެސް ކެތްތެރިކަން އިސްކުރަން ޖެހޭ ކަމަށާއި ކެތްތެރިކަމަކީ އިސްލާމީ ރީތި ސިފައެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައި ވަނީ، ދުނިޔެ އަކީ އިމްތިހާނެއް ކަމަށާއި ދުނިޔެވީ އިމްތިހާނަކީ އަބަދު އެއްގޮތަކަށް ދެމިއޮންނަ އެއްޗެއް ނޫން ކަމަށެވެ. ތިމާއަށް ކުރިމަތިވާ ކޮންމެ ކަމަކީ ވެސް ﷲ ސުބްހާނަހޫ ވަތައާލާ ތިމާއަށް ކުރައްވާ އިމްތިހާނެއް ކަމަށާއި އެ ކަންކަމުން ކެތްތެރިވެ އެ އިމްތިހާނުން ފާސްވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މި ދުނިޔޭގައި އެކިއެކި ދަތިތަކާ ކުރިމަތި ކުރައްވައި އިމްތިހާން ކުރެވޭނެ ކަމަށާއި އެފަދަ ކޮންމެ ހާލަތެއްގައި ވެސް ރިވެތި އަހްލާގުގެ ސިފަތައް ފާޅުކުރަން ޖެހޭ ކަމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ.
ހުކުރު ހުތުބާގައި ބުނެފައި ވަނީ، ކެތްތެރިވުމާ އެކު އިއްފަތްތެރިވާން ޖެހޭ ކަމަށާއި އިސްލާމްދީނަކީ އެންމެ މާތް ދީން ކަމަށް ބުނަމުންދާ އިރު އިސްލާމީ މުޖުތަމައުން މިއަދު އަހްލާގީ މިންގަނޑުން ފެންނަ ނޭދެވޭ ސިފަތަކަކީ އިސްލާމްދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިކުރުވަފާނެ ކަމެއް ކަމަށެވެ.
ކޮންމެ ގައުމެއްގެ ޒުވާނުންނަކީ އެ ގައުމެއްގެ ރައުސްމާލު ކަމަށާއި މާދަމާގެ ބޮޑެތި މީހުން ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ. ގައުމުގެ ޒުވާނުންނަކީ ފައިދާއެއް ނެތް ބޭކާރު ކަންކަމާ ގެއްލުން ހުރި ފިކުރުތަކުގެ ތެރެއަށް ވަދެ އިސްލާމްދީން ތަރުހީބު ނުދޭ ނޭދެވޭ ސިފަތައް އަށަގެންފައިވާ ބަޔަކަށް ވެގެން ނުވާނެކަމާ މެދު ޝައްކެތް ނެތް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
ހަމައެއާ އެކު ރިވެތި އަހްލާގަކީ ގައުމެއް ސަގާފީ ގޮތުން ކުރިއެރުމުގެ އެންމެ ފާހަގަކުރެވޭ ނިޝާން ކަމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ.