05 Jan 2018, 11:42
އާބާތުރަ ފިލުވުމަށްޓަކައި ބަންދުކުރި ބިހުރޯޒް ކަމަނާ މިސްކިތުގެ މަސައްކަތް ނިންމާ އަންނަ ހަފްތާގައި އެ މިސްކިތް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިސްކިތުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ބޭރު ފާރު ރީތި ކުރުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ބިހުރޯޒް ކަމަނާ މިސްކިތުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން އެ މިސްކިތުގެ ޖާގަ ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ކުރިން 20 މީހުންނަށް ނަމާދު ކުރެވޭ މިސްކިތުގައި މިހާރު ފަންސާހާއި ސަތޭކައާ ދެމެދު މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ބިހުރޯޒް މިސްކިތް އެންމެ ފުރަތަމަ ބަންދު ކުރީ އެ މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނިގެންނެވެ. މިދިޔަ ރޯދަމަހު އެ މިސްކިތް ބަންދު ކުރި ފަހުން އެ މިސްކިތް ނުހުޅުވި ލަސްވަނީ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތެއް ކުރިއަށްދާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.