13 Aug 2011, 09:42
ދިމިޝްޤު (އޮގަސްޓް 13) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް އިއްޔެގެ ހުކުރު ނަމާދަށް ފަހު އެޤައުމުގެ ކަންކޮޅުތަކުގައި ކުރި މުޒާހަރާތަކުގައި 20 މީހަކު މަރާލައިފި އެވެ. މި 20 މީހުން މަރާލާފައި ވަނީ ސޫރިޔާގެ ސަލާމަތީ ބާރުތަކުން އެމީހުންގެ ގަޔަށް ބަޑިޖަހައިގެންނެވެ.
ރައީސް ބައްޝާރުލްއަސަދްގެ ނިޒާމާ ދެކޮޅަށް މުޒަހަރާ ކުރަމުންގެންދަނީ އޭނާގެ ވެރިކަން ވައްޓާލުމަށްޓަކަ އެވެ. އިއްޔެގެ މުޒާހަރާ ކުރިޔަށް ގެންގޮސްފައި ވަނީ "މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ރުކޫޢަ ނުކުރުން" މި ޝިޢާރުގެ ދަށުންނެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށްޓަކައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ކުރަމުން ގެންދާތާ ހަތަރު މަހަށް ވުރެ ގިނަދުވަސް ވެފައިވާއިރު ސަރުކާރުގެ ޙަމަލާތަކުގައި ދެ ހާހަށްވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވެފައިވެ އެވެ.
މުޒާހަރާ ކުރާ އިދިކޮޅު އިސް އެކްޓިވިސްޓުން ބުނަނީ މަރަށް ބިރު ނުގަންނަ ކަމަށާއި ލައްކައިން މީހުން މެރިނަމަވެސް ބައްޝާރުލްއަސަދްގެ ޢާއިލީ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހު ނޫނީ މުޒާހަރާތައް ނުހުއްޓާނެ ކަމުގަ އެވެ. ސޫރިޔާ ސަރުކާރުން ބުނަނީ މުޒާހަރާ ކުރާމީހުންގެ ތެރޭގައި ހަތިޔާރުއެޅި ހަނގުރާމަވެރިން ވެސް އެބަތިބި ކަމަށާއި އެމީހުންގެ ޙަމަލާތަކުގައި ސަރުކާރު ސިފައިންނާއި ފުލުހުން ވެސް ކޮންމެވެސް ވަރަކަށް މަރުވަމުންދާ ކަމުގަ އެވެ.
މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބާރުބޭނުން ކުރަމުންގެންދާ މައްސަލާގައި އެމެރިކާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން ވަނީ ސޫރިޔާއާ ދެކޮޅަށް އިޤްތިސާދީ ބައެއް ފިޔަވަޅުތައް އަޅާފަ އެވެ. ނަމަވެސް އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް ސޫރިޔާއާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ބޭނުންވާ ބައިނަލްއަޤްވާމީ ތާއީދު ހޯދުމުގައި ހުޅަނގުގެ ޤައުމުތައްވަނީ ނާކާމިޔާބުވެފަ އެވެ. (އަލްޖަޒީރާ)