މިމްދާހު (އަސްލު ނަމެއްް ނޫން) މެލޭޝިއާއަށް ދިޔައީ އާކިޓެކްޗާގެ ދާއިރާ އިން ތައުލީމު ހާސިލްކުރުމަށެވެ. އެތަކެއް ބައެއްގެ ފޮނި އުންމީދުތަކާ ގުޅިފައިވާ މިމްދާހު މެލޭޝިއާގައި ކިޔަވަން ފަށައި އަތުކުރިއޮޅާލީ ކިޔަވައިގެން މޮޅު މީހަކަށް ވުމަށެވެ. މާހައުލު ތަފާތުވި ނަމަވެސް ބެލީ ހިތްވަރުކޮށްފައި ގަދަ އަޒުމާ އެކު ކިޔެވުމަށެވެ. މިމްދާހު ފުރަތަމަ ސެމިސްޓާގައި ރަނގަޅު ނަތީޖާ ވެސް ހޯދި އެވެ. ނަމަވެސް އެގޮތުގައި ހިފަހައްޓާލެވުނީ މަދު ދުވަސްކޮޅަކަށެވެ. ދެން އައި ސެމިސްޓާތަކުގައި މިމްދާހަށް ކުރީ ސެމިސްޓާތަކުގައި ހޯދި ނަތީޖާތަކާ ގާތްކުރާ ނަތީޖާތަކެއް ނުނެރެވުނެވެ.

ފޭލްވަމުންވަމުން ގޮސް މިމްދާހުއަށް އެންމެ ފަހުން ކިޔަވަން މަލޭޝިއާއަށް ދިޔަ މަގުސަދު ގެއްލި ޖެހުނީ އެނބުރި ގައުމަށް ދާށެވެ. މެލޭޝިއާގައި މިމްދާހުއާ ޖެހުނު އެކުވެރިންނާ ފާވެ، މިމްދާހުގެ ސިކުނޑި ދޮވެލިކަން އޭނާއަށް ރެޔަކާލީ މާފަހުންނެވެ. މަސްތުވާތަކެތީގެ އަވާގައި ޖެހުނު މިމްދާހު މިއަދު ހިތާމަކުރެ އެވެ. ކިޔަވަން ލިބުނު ރަނގަޅު ފުރުސަތު ގެއްލުނު އިރު، ކިޔަވަން ނެގި ލޯނާ އެކު އޭނާ ވަނީ މިއަދު ބޮޑު ދަރަންޏެއްގައި ވެސް ބަނދެވިފަ އެވެ.

މެލޭޝިއާގެ ޝޮޕިން މޯލެއް--

މިމްދާހު ފަދައިން މެލޭޝިއާގައި ކިޔަވަމުންދާ ކުދިންގެ ތެރެއިން އެތަކެއް ކުއްޖަކު ވަނީ ހަލާކުގެ ތެރެއަށް ވެއްޓި ކުރިމަގު މުޅިން ބަނަވެ މަގު ގެއްލިފަ އެވެ.

މެލޭޝިއާގެ މަޝްހޫރު ކޮލެޖެއްގައި ކިޔަވަމުންދާ ދިވެއްސަކު ވަނީ ދިވެހިން ކިޔަވަން ގޮސް ހަލާކުގެ ތެރެއަށް ވެއްޓޭ ގޮތް ވަރަށް ރަނގަޅަށް "ސަން" އަށް ކިޔައިދީފަ އެވެ.

ބައެއް ދިވެހި ދަރިވަރުން ކޮލެޖަކަށް ނުދޭ

މެލޭޝިއާގެ މަޝްހޫރު ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލްކުރަމުންދާ ބައެއް ދިވެހި ދަރިވަރުން ކޮލެޖަށް ދަނީ ހިތަށް އެރިފަހަރަކު އެެވެ. ގިނަ ކޮލެޖުތަކުން ހާޒިރީ ދަށް ދަރިވަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންވެސް ދެ އެވެ. އެގޮތުން ކޮލެޖަށް ނުދާ ނަމަ ދަރިވަރުންގެ މައިންބަފައިންނަށް ސިޓީ ފޮނުވުމަކީ އާންމު އުސޫލުގެ ގޮތުގައި ގިނަ ޔުނިވާސިޓީތަކުން ކުރާ ކަމެއް ކަމަށެވެ.

ދިވެހި ދަރިވަރުން އާންމު ގޮތެއްގައި ކޮލެޖުން ފޮނުވާ ނޯޓިސްތަކުން ރެކެންވެގެން ޖަހަނީ އެހެން މަޅިއެކެވެ. ޔުނިވާސިޓީން މައިންބަފައިންނަށް ސިޓީ ފޮނުވާ އެޑްރެސް ބަދަލުކުރަނީ އެވެ. އޭގެ ފަހުން ހުރިހާ ސިޓީއެއް ދާނީ އެހެން އެޑްރަހަކަށެވެ. ދަރިވަރުގެ ކޮންމެވެސް ރައްޓެއްސެއްގެ އެޑްރެހަށެވެ. ނޫނީ ލޯބިވެރިޔާގެ އެޑްރެހަށެވެ.

ބައެއް ދިވެހީން ދަނީ އެމީހުން ދިރިއުޅޭ ކޮންޑޮމޭނިޔަމްގައި މަސްތުވާތަކެތި ބޭނުންކުރަމުން

މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރަކު ބުނި ގޮތުގައި ބައެއް ދިވެހީން ދިރިއުޅޭ ކޮންޑޮމޭނިއަމްތަކުގައި މަސްތުވާތަކެތި ބޭނުންކުރެ އެވެ. ހާއްސަކޮށް އެ ކޮންޑެމޭނިއަމްތަކަކީ ފުދޭވަރަކަށް މިނިވަންކޮށް އޮންނަ ތަނަކަށް ވެފައި ފުލުހުން އެތަންތަނަށް ވަދެ ފާސް ނުކުރާ ކަމަށް އޭނާ ބުންޏެވެ. އެހެންވުމުން ބައެއް ދިވެހީން ތިބޭ ކޮންޑޯތަކަކީ މަސްތުވާތަކެތި ބޭނުންކުރާ ހަބުތަކަށް ވަނީ ބަދަލުވެފަ އެވެ.

މެލޭޝިއާގައި ކިޔަވާކުދިން ދިރިއުޅޭ ކޮންޑޮމޭނިޔަމްއެއް. ބައެއް ދިވެހިން ދަނީ މިފަދަ ކޮންޑޯތަކުގައި މަސްތުވާތަކެތި ބޭނުންކުރަމުން--

އެހެންކަމުން ކޮންޑޯތަކުގައި މަސްތުވާތަކެތި ބޭނުންކުރުމަށް ބައެއް ކުދިންނަށް އިތުރު ހިތްވަރު ވަނީ ލިބިފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ސަލާމަތްވަނީ ފައިސާ ދީގެން!

މެލޭޝިއާގައި ކިޔަވަމުންދާ ބައެއް ދިވެހި ދަރިވަރުންނަކީ ގަވާއިދުން ކްލަބުތަކުން ފެންނަ މޫނުތަކެކެވެ. ކްލަބްތަކަށް ގޮސް ޕާޓީ ޑްރަގްސް އާއި އެހެނިހެން މަސްތުވާތަކެތީގެ ބާވަތްތައް ބައެއް ދިވެހި ދަރިވަރުން ބޭނުންކުރެ އެވެ.

ކްލަބްތަކަށް ގޮސް އުޅޭއިރު މެލޭޝިއާ ފުލުހުން ބައެއް ފަހަރު ދިވެހީން އަތުލައިގަންނަ ފަހަރުވެސް އާދެ އެވެ. އެފަދަ ހާލަތްތަކުގައި ގިނަ ދިވެހީން ފުލުހުންނަށް ފައިސާ ދީފައި މައްސަލަ ހައްލުކުރާކަމަށް ތުހުމަތުކުރެވެ އެވެ. ނަމަވެސް އެކަން ތަކުރާރުވެ ފައިސާ އަށް ދަތިވެގެން މައިންބަފައިންގެ ކައިރީގައި ފައިސާ ދިނުމަށް އަބަދުހެން ބުނާ އިރު، ގިނަ ބެލެނިވެރިންނަށް ރޭކާނުލާކަމީ ވެސް ހަގީގަތެކެވެ.

ފައިސާއަށް ދަތިވުމުން ބައެއް ދިވެހި ދަރިވަރުން އެނބުރި ރާއްޖެއަށްދޭ!

މެލޭޝިއާގައި ގެއްލި ހަލާކުވެގެންދާ ބައެއް ކުދިން ފައިސާ އަށް ދަތިވުމުން އެނބުރި ރާއްޖެ ދިއުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އޭގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ގިނަ ފަހަރު އެގޮތަށް ރާއްޖެ ދާ އިރު ވެސް މައިންބަފައިންނަށް އޮޅުވާލާ ހެދުމެވެ. އެގޮތުން އެނބުރި ރާއްޖެ އައީ އިންޓާންޝިޕް ފުރިހަމަކުރަން ކަމަށް ބުނުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

މެލޭޝިއާއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އެގައުމުގެ ފުލުހުން އަތުލައިގެންފައި. މެލޭޝިއާގައ ކިޔަވާ ބައެއް ދަރިވަރުން ވަނީ މަސްތުވާތަކެތީެ ޝިކާރަޔަކަށް ވެފައި--

ބައެއް ދިވެހިން އާންމުކޮށް މެލޭޝިއާގައި ފަސް އަހަރު ހޭދަކުރާއިރު ޑިޕްލޮމާ ވެސް ނުނިންމާ އުޅެ އެވެ. އަދި އެފަދަ ކުދިންނަށް ކޮލެޖުތަކުން ވިސާ ދިނުމަށް ދެކޮޅު ހެދުމުން އާ ކޮލެޖުތަކަށް ދިއުމަކީ ވެސް އާންމުކޮށް ހިނގާ ކަމެކެވެ. އަދި ބައެއް ދަރިވަރުން ވިސާ ނުލިބުމުން އެނބުރި ރާއްޖެއަށް ގޮސް، ޓޫރިސްޓު ވިސާގައި މެލޭޝިއާއަށް އަނބުރާ ގޮސް ދިރިއުޅެ އެވެ.

މެލޭޝިއާގައި ކިޔަވާ ބައެއް ދަރިވަރުން ހަލާކުގެ ތެރެއަށް ވެއްޓެނީ ކީއްވެ؟

މެލޭޝިއާ ފަދަ ގައުމުތަކަށް ކިޔަވަންދާ ކުދިންގެ ތެރޭގައި އުމުރުން ވަރަށް ހަގުކުދިން ވެސް އުޅެ އެެވެ. އުމުރުން އެހާ ހަގު ކުދިންނަށްވުމުން އެކުދިންނަށް އަމިއްލައަށް ކަންކަން ނިންމުގައި ވަރަށް ބޮޑަށް ދަތިވެ އެވެ.

"ރައްޓެހިންނާ ރައްޓެހިންނާ ޖެހި މި ހަލާކު ވަނީ. އަހަރެމެން ގެޓް ޓުގެދާތައް ބާއްވާއިރު އެހެން އެކި ފާޑުފާޑުގެ ދިވެހިންނާ މި ދިމާވަނީ. ދެން އެހެން އެއްކޮށްއުޅޭ އެންމެ މޮޔަކޮށް އުޅޭ ރައްޓެހިން ލައްވައި މިކަހަލަ ބޮޑެތި ކަންތައްތައް މި ނިންމާލަނީ. ޅަ ކުދިން ހައްދާލަން ވަރަށް ފަސޭހަވާނެ. އުމުރުން 17،18 އަހަރުގެ ކުއްޖާ މިތަނަށް ފޮނުވާލާ އިރު އޭނާ އުޅެނީ ކޮންކަހަލަ ރަށްޓެހިންނާ އެކީ ކަމެއް މައިންބަފައިންނަކަށް ނޭނގޭ،" މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރަކު ބުންޏެވެ.

ގެއްލި ހަލާކުވެގެންދާ ކުދިންގެ ތެރޭގައި ދެ ޖިންސުގެ ކުދިން ވެސް އުޅެ އެވެ. މެލޭޝިއާ ކަހަލަ މިނިވަން މާހައުލެއްގައި އެ ކުދިން ކިޔަވަމުންދާ އިރު ގިނަ ފަހަރު ދީނީ ކަންތައްތަކަށް ވެސް މާބޮޑަކަށް ފަރުވާލެއް ނުބަހައްޓާކަން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ. އަދި އެހެން އުޅޭ ދިވެހީންނަށް އެ "ލައިފް" މާ "ކޫލް" ވުމަކީ ވެސް އެކަމުން ރެކުމަށް ދިމާވާ ބޮޑު ގޮންޖެހުމެކެެވެ.

ހަލާކުގެ ތެރެއަށް ވެއްޓުމުން ދުރުކުރުމަށް މައިންބަފައިންނާއި ދަރިންނާ ގުޅުން އާލާކުރަން ޖެހޭ

މެލޭޝިއާގައި ކިޔަވަން ގޮސް ހަލާކުގެ ތެރެއަށް ވެއްޓޭ ދަރިވަރުން އާންމުކޮށް އެމީހުންގެ މައިންބަފައިންނާ މާބޮޑު ގުޅުމެއް ނޯވެ އެވެ. އެފަދަ މައިންބަފައިންނާއި ދަރިންނާ ދެމެދު ފާރެއް ލެވިފައިވާ އިރު ކުދިން ގިނަ ފަހަރު އެމީހުންގެ މައިންބަފައިންނާ ގިނަ ކަންތައްތަކެއް ހިއްސާއެއް ވެސް ނުކުރެ އެވެ.

"އަސްލު ދިވެހިރާއްޖޭގައި މައިންބަފައިންނާއި ދަރިން އެހާ ގާތެއް ނޫން. މައިންބަފައިންގެ ޒިންމާއެއް ދަރިންނާ ގުޅުން ގާއިމްކުރުން. ގާތްވީމަތާ ދަރިންނަށް އެހާ އޯޕަންކޮށް މައިންބަފައިންނާ ޝެއާކުރަން ކެރޭނީ. މަންމާއޭ ބައްޕާއޭ ތިމަންނާގެ މިވެނި މިވެނި ރައްޓެހިން މިވެނި ކަންތައްތައް އެބަކުރޭ. އެހެންނަމަވެސް އެއްކަލަ ރައްޓެހިންގެ ވާހަކަ ޝެއާކުރަން ނުކެރި މަސްތުވާތަކެތި ބޭނުންކުރަން އެ ފަށަނީ. އެހެންގޮސް އޭގެ ތެރެއަށް ވަދެވިގެން އެދަނީ،" މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރަކު ބުންޏެވެ.

ކޮންމެ މަންމައަކާއި ބަފަޔަކު އަބަދުވެސް އެދޭނީ ދަރިންނަށް ލާބަޔާއި ހެވަށެވެ. މެލޭޝިއާ ފަދަ ގައުމުތަކަށް ބައެއް ދިވެހީން ނަމުގައި ކިޔަވަން ގޮސް ހަލާކުގެތެރެއަށް ވެއްޓޭ އިރު ބަލަހައްޓައިގެން ތިބެވޭކަށް ނެތެވެ.

ކުދިންގެ ކަންތައް ކުރިއަށް ވުރެ ގާތުން ބަލަން ޖެހެ އެވެ. ދަރިން ޔުނިވާސިޓީއަށް ދޭތޯ ނުދޭތޯ ބެލުމަކީ މައިންބަފައިންގެ ކޮނޑުގައި އޮތް ޒިންމާއެކެވެ. ދަރިން ރަނގަޅަށް ކިޔަވާތޯ ބަލައި މަސްތުވާތަކެތި ފަދަ ނުރައްކާތެރި ވަބާތަކުގައި ޖެހުނަ ނުދިނުމަށް އަތުކުރި އޮޅާލަން ޖެހެ އެވެ.

މިއީ މެލޭޝިޔާގައި ކިޔަވާ ހުރިހާ ކުދިންގެ ވާހަކައެއް ނޫނެވެ. ވަރަށް ރަނގަޅަށް ކިޔަވާ ފަހުރުވެރި ނަތީޖާތައް ހޯދާ ކުދިންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް އެންމެ ކުއްޖަކުވެސް ގޯސްމަގުން ދިއުމަކީ އެއްވެސް މަޔަކު އަދި ބަފަޔަކު އެދޭނެ ކަމެއް ނޫނެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.