ތެހެރާން (ޖަނަވަރީ 4): އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ހިނގަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް އެމެރިކާއާއި އިސްރާއީލާއި ސައޫދީ އަރަބިޔާ ދެމުންގެންދާ ބަޔާންތަކަށް ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޮން ދެކޮޅު ހައްދަވައިފިއެވެ.

ޕެރިހުގައި ދެއްވި ބަޔާނެއްގައި މެކްރޯން ވިދާޅުވީ އެއްވެސް ގައުމެއްގައި ހަމަނުޖެހުން ހިންގުމަށް އަނެއްގައުމުން ހިތްވަރުދީގެންނުވާނެ ކަމަށާއި އީރާނުގެ ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން ހިންގާ މީހުންނަށް ހިތްވަރު ދިނުމަށް އެމެރިކާއާއި އިސްރާއީލާއި ސައޫދީ އަރަބިޔާ ދެމުންގެންދާ ބަޔާންތަކަކީ ހަނގުރާމައަށް މަގުފަހިވާފަދަ ބަޔާންތަކެއް ކަމަށާއި އެކަން ހުއްޓާލަންޖެހޭ ކަމުގައެވެ.

މެކްރޯން މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ރަޝިޔާއާއި ތުރުކީންވަނީ އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެމެރިކާއަށް ގޮވާލާފައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގީ ރިޔަބްކޯވް ވަނީ އީރާނުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރުމުގެ ޚުތޫރަތްތެރިކަމާބެހޭގޮތުން އެމެރިކާއަށް އިންޒާރު ދެއްވާފައެވެ. ރިޔަބްކޯވް ވިދާޅުވީ އެމެރިކާއަށް މެދުއިރުމަތީގެ ގައުމުތަކުގައި ހަމަނުޖެހުން ހިންގިއްޖެ ކަމަށާއި އިތުރުގައުމުތަކުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ނުކުރުމަށް އެމެރިކާއަށް އިންޒާރު ކުރާކަމުގައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ތަރްޖަމާން އިންރާހީމް ގާލީން ވިދާޅުވީ އީރާނުގައި ހަމަނުޖެހުން ހިންގާ މީހުންނަށް ހިތްވަރު ލިބޭގޮތަށް އެމެރިކާގެ ރައީސް ޓްރަމްޕް ކުރައްވާ ޓްވީޓްތައް ތުރުކީން ކުށްވެރި ކުރާކަމުގައެވެ. އެމެރިކާގެ މިފަދަ އަމަލުތަކުގެ ސަބަބުން އެމެރިކާ އިތުރަށް އެކަހެރިވުން ނޫންކަމެއް ނުވާނެކަމަށާ އީރާނަށް ކުރިމަތިވެފައިވާ ދާޚިލީ މައްސަލައިން އެގައުމު އަރައިގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތުރުކީއަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. ތުރުކީގެ ޚާރިޖީ ވަޒީރު ޖާވިޝް އޮގްލޯ ވަނީ އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އަށް ފޯނުން ގުޅުއްވައި ތުރުކީ އޮތީ އީރާން ސަރުކާރާ އެކީގައިކަން ހާމަކުރައްވާފައެވެ.

އީރާނާއި ތުރުކީއާއި ރަޝިޔާއަކީ މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލު ގުޅިގެން ހިންގާ ހަރުކަށި އަމަލުތަކާ ކުރިމަތިލުމަށް ކޯލިޝަން އެއްގޮތަށް މަސައްކަތްކުރާ ތިން ގައުމެވެ. އީރާންގެ ރިވޮލިއުޝަނަރީ ގާޑުންގެ ވެރިޔާ މޭޖަ ޖެނެރަލް މުހައްމަދު އަލީ ޖަޢްފަރީ ބުރާސްފަތި ދުވަހު ވަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހުއްޓުވައިފިކަން ފުރަތަމަ ފަހަރަށް ހާމަކުރައްވާފައެވެ.

އީރާނުގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގު ބޮޑުވަމުންދާ މައްސަލާގައި އީރާނުގެ ރައްޔިތުން މަގުތަކަށްނުކުމެ އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަންފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ ހަގީގީ މައްސަލަތަކެއް ހުރެގެން ރައްޔިތުން ސަރުކާރާދެކޮޅަށް ފެށި ސުލްހަވެރި މުޒާހަރާތަކެއް ކަމަށް އީރާނުން ފުރަތަމަ އެއްބަސްވިއެވެ. ނަމަވެސް ފަހުން އެމުޒާހަރާތައް ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެ ބަޔަކުވަނީ އީރާނުގެ އާންމުތަންތަނުގައި ހުޅުޖަހައި ސަލާމަތީ ބާރުތަކަށް ބަޑިން ހަމަލާދިނުންފަދަ ހަރުކަށި އަމަލުތަކެއް ހިންގާފައެވެ. މުޒާހަރާތަކާ ގުޅިގެން ރައީސް ރޫހާނީ ވިދާޅުވީ އީރާނަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރެއް އޮންނަ ގައުމެއްކަމުން ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާއެކު މުޒާހަރާކޮށް ޝުއޫރުތައް ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެކަމުގައެވެ. ނަމަވެސް ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

އީރާނުގެ ރިވޮލިއުޝަރަނީ ގާޑުން ވަނީ އެމެރިކާއާއި ސައޫދީ އާއި އިސްރާއީލުން އައިއެސްގެ ހަނގުރާމަވެރިންތަކެއް އީރާނަށް ވައްދައި އީރާނުގައި ބޮންގޮއްވަން މަސައްކަތްކުރަމުން ދާކަމަށް ބުނެފައެވެ. މިހަނގުރާމަވެރިންތައް މިހާރު ހައްޔަރުކޮށްފައިވާކަމަށްވެސް ރިވޮލިއުޝަރަނީ ގާޑުންގެ މުއައްސަސާއިން ނެރުނު ބަޔާނެއް ބުނެއެވެ. މުޒާހަރާތަކަށް އަށް ދުވަސްވީރު އީރާން ސަރުކާރަށް ތާއީދުކުރާ އެތަށް ހާސްބަޔަކު އެގައުމުގެ ބޮޑުތި ސިޓީތަކުގައި ސަރުކާރުގެ ދިފާއުގައި މުޒާހަރާތަކެއް ފެށުމާއެކު ސަރުކާރާ އިދިކޮޅު މުޒާހަރާތައް މިހާރުވަނީ ހީނަރުވެ މައިތިރިވެފައެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުންވަނީ ހަމަނުޖެހުން އުފެއްދި މީހުންގެ ތެރެއިން އެކާވީސް މީހުން މަރާލައި ފަސްސަތޭކަ އެއްހާމީހުން ހައްޔަރުކޮށްފައެވެ. މުޒާހަރާތަކާ ގުޅިގެން އީރާން ސަރުކާރަށްވެސް ވަރުގަދަ ފިލާވަޅެއް ލިބިފައިވެއެވެ. މިފިލާވަޅުގެ އަލީގައި ރައްޔިތުންނަށް އިގްތިސާދީ ގޮތުން ލުއިފަސޭހަވާގޮތަށް ގިނަ ކަންތައްތަކެއް ވަރަށް އަވަހަށް ކުރާނެކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)