މި އަހަރު އެންމެ އިސްކަމެއްދޭނެ އެއް ކަމަކީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެ އިންތިޚާބާ ގުޅޭ އެކި ކަންކަން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ޓީވީއެމްގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނު، ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މި އަހަރު ޚާއްސަ އިސްކަމެއް ދޭނެ ކަންތައްތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބާ ގުޅޭ ކަންތައްތައް ހިމެނޭ ކަމަށެވެ. އަދި އެކަމާގުޅޭ މަސައްކަތްތައް ކުރިއަށްދާކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ރިޔާސީ އިންތިޚާބާ ދިމާކޮށް، މުޖުތަމައުގެ ހަމަޖެހުމަށް ހުރިހާ ފަރާތްތަކުން އިސްކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ސިޔާސީ ގޮތުން ގައުމު ހަލަބޮލިވާ ދުވަސްވަރު ކުށްކުރުން އާންމުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ 2017 ވަނަ އަހަރަކީ ފާތުވެ ދިޔަ އަހަރު ތަކަށް ބަލާއިރު ކުށް ކުރުން މަދުވި އަހަރެއް ކަމަށެވެ. އެގޮތުން ހަ ޕަސެންޓަށް ކުށްކުރުން މަދުވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރު ފުލުހުންގެ ތަހުގީގުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ހިނގި ބޮޑެތި މަރުގެ ހާދިސާތައް ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވާފައިވާ ކަަމަށް ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ކުށް މަދު ކުރުމަށް ފުލުހުންގެ ހުރިހާ ގޮތްޕަކުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައިވެސް އަނދިރިކޮށް ހުންނަ ސަރަހައްދުތައް ބެލުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތައް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.