މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތަކަށް އެކުލަވާލާފައިވާ ކޮމިޓީގެ ކަންކަން ސިއްރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ކޮމިޓީގެ ވައިސް ޗެއާ އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތައް ގުޅިގެން މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓެއް ނެރުމާބެހޭ ވާހަކަތަކެއް ޕާޓީތަކުގެ ލީޑަރުން ވަނީ ދައްކަވާފަ އެވެ.

ޕާޓީތަކުގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ނެރުމާ ބެހޭ މަޝްވަރާތަކަށް ކޮމިޓީއެއް އެކުލަވާލާފައިވާއިރު އެ ކޮމިޓީން މިހާތަނަށް ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މިހާތަނަށް ބޭއްވީ އެންމެ ބައްދަލުވުމެއް. އެއީ ކޮމިޓީގެ ޕްރައިމެރީ، ޗެއާ އަދި ވައިސް ޗެއާ ކަނޑައެޅުމަށް ބޭއްވި ބައްދަލުވުން،" ރިޔާޒު ވިދާޅުވި އެވެ.

ކޮމިޓީގެ ޗެއާއަކަށް ކަނޑައަޅާފައިވަނީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ވައިސް ޗެއާ އަކީ ރިޔާޒެވެ.

މިހާތަނަށް ރަސްމީކޮށް މަޝްވަރާ ކުރުމަށް އެއްވެސް ބައްދަލުވުމެއް ނުބާއްވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ކޮމިޓީއެއް އެކުލަވާލައިގެން ބައްދަލުވުންތަކެއް ކުރިއަށް ގެންދާނަމަ އެ ބައްދަލުވުންތަކެއް ކުރިއަށް ދާނީ ކޮމިޓީގެ މެމްބަރުންގެ މެދުގައިކަން ފާހަގަކޮށް ރިޔާޒު ވިދާޅުވީ މަޝްވަރާތައް ކުރިއަށްދާވަރަކުން މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރަމުން ދާނެ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާ ކުރާ އިރު އެމްޑީޕީން ބޭނުން ވަނީ އެ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާށެވެ. އަދި ޖޭޕީން ބޭނުންވަނީ އެ ކެންޑިޑެންޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހެދުމަށެވެ.

ނަމަވެސް ގާނޫނީ ގޮތުން އެ ދެ ބޭފުޅުންނަށްވެސް މިހާރު އޮތީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ބަންދުވެފަ އެވެ.