ހިފާފައިވާ ޤުދްސު (އޮގަސްޓް 13) : ދީނީ ގޮތުންނާއި ތާރީޚީ ގޮތުން މުސްލިމުންގެ މުޤައްދަސް ރަށެއް ކަމަށްވާ ފަލަސްތީނުގެ ޤުދްސާއި ޔަހޫދީންނާ އެއްވެސް ގުޅުމެއްނެތް ކަމަށް އިސްރާއީލުގެ އިސް އާކިއުލޮޖިސްޓެއް ކަމަށްވާ ޔިސްރާއީލު ފެންކްލިސްޓައިން ވިދާޅުވެއްޖެ އެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ރަށެއް ކަމަށްވާ ޤުދްސުގައި ޔަހޫދީންނާ ގުޅުންހުރި އެއްވެސް އާޘާރީ ކަމެއް އަދި ތަނެއްގެ އަސަރެއް ފެނޭތޯ މިހާތަނަށް ތާރީޚީ ގޮތުން ހޯދިހޯދުންތަކުން ނާއި އެތަށް އަހަރެއްވަންދެން ބިމުގެ އަޑި ކޮނެގެން ކުރި ދިރާސާތަކުން މިފަދަ ކަމެއްގެ ހިލަމެއް ފެނިފައިނުވާ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށް ޖެރޫސަލަމް ޕޯސްޓަށް ދެއްވި ބަސްދީ ގަތުމެއްގައި ފެންކްލިސްޓައިން ވިދާޅުވި އެވެ.

ފެންކްލިސްޓައިންއަކީ އިސްރާއީލުގެ އާޘާރާއި ތާރީޚާ ބެހޭ އިލްމުވެރިންގެ ތެރޭގައި ހުންނެވި އެންމެ އިސް ޢިލްމުވެރިޔާ ނުވަތަ މިފަދަ ޢިލްމުވެރިންގެ ބައްޕަގެ ލަޤަބު ލިބިވަޑައިގެން ހުންނެވި އެންމެ އިސް ތަޖްރިބާކާރެވެ. ހިފާފައިވާ ޤުދްސުގައި ހުންނަ މުސްލިމުންގެ ތިން ވަނަ ޙަރަމްފުޅު ކަމަށްވާ މަސްޖިދުލްއަޤްސާ ހުރި ސަރަޙައްދުގެ ބިމުގެ އަޑީގައި ސުލައިމާންގެ ފާނުގެ ހައިކަލް (ސްޓްރަކްޗާ)އެއް ވާކަމަށް ޔަހޫދީން ދައްކާ ވާހަކަތަކާއި ތަވްރާތުގައި ވާރިދުވެފައިވާ ބައެއް ތާރީޚީ ވާހަކަތަކާ ގުޅޭ އާޘާރުތައް ހުރި ކަމަށް ޔަހޫދީންކުރާ ހީތަކަކީ ޙަޤީޤީޤަތެއް ކަމަށް ބެލެވެންނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޤުދްސުގެ ބިމުގައި ސުލައިމާންގެފާނުންގެ ހައިކަލްގެ އާޘާރު ހުރިކަމަށް ޔަހޫދީން ބުނާބުނުމުގެ އިތުރުން މިސްރުގެ ސައިނާގައި ޔަހޫދީންނަށް މާތް ﷲ ދެއްކެވި ވަރުގަދަ ޢަޒާބާއި ކޯފާގެ ވާހަކަތަކާ ބެހޭ އާޘާރުތަކާއި ޔޫޝަޢުބިން ނޫނު (ހާރޫނުގެ ފާނު)، ކަންޢާނުގެ މައްޗަށް ނަސްރު ހޯއްދެވި ކަމުގެ އާޘާރުތައް ވެސް ޤުދްސުގެ ބިމުގައި ހުންނާނެ ކަމަށް ޔަހޫދީންކުރާ ހީތަކާ ބެހޭ އެއްވެސް އަސަރެއް އަދި ހިލަމެއް ޤުދްސުން ފެންނަންނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ދެއްވި ބަޔާނެއްގައި އިސްރާއީލުގެ ޓެލްއަވީވް ޔުނިވަރސިޓީގެ ޕްރޮފެސާ ރަފައީލް ގްރީންބަރގް ވިދާޅުވީ ޔަހޫދީންނާ ބެހޭ ތާރީޚީ އެއްވެސް އަސަރެއް ފެނޭތޯ މަސްޖިދުލް އަޤްއަޤްސާ ހުރި ސަރަޙައްދުގެ ބިމުގެ އަޑިއާއި ޤުދްސުގެ ދާވޫދު ސިޓީގެ ސަރަޙައްދުގެ ބިމުގެ އަޑި ހުއްޓުމެއްނެތި ކޮންނަމުންގެންދާތާ އެތަށް އަހަރެއް ވެފައިވާއިރު ވެސް ޔަހޫދީންނާ ބެހޭ އެއްޗެއްގެ އަސަރެއް އަދި ހިލަމެއް ފެންނަން ނެތުމަކީ ޤުދްސަކީ ތާރީޚީ ގޮތުން ޔަހޫދީންނާ ގުޅުންހުރި ރަށެއްކަމަށް އިސްރާއީލުން ދައްކާވާހަތަކުގެ ޙަޤީޤަތެއްނެތް ކަން ހާމަވާ ކަމެއް ކަމުގަ އެވެ.

ޤުދްސަކީ ކަންޢާނީން (އެވޭލާޒަމާނުގެ ފަލަސްތީނު މީހުން) ބިނާކޮށްފައިވާ ރަށެކެވެ. ފަހުގެ ތާރީޚުގައި މިރަށުގެ ހުޅަނގުބައި ޔަހޫދީން ހިފާފައި ވަނީ 1948 ގައެވެ. އެއީ ހުޅަނގުގެ އިސްތިޢްމާރީ ބާރުތައް އަޑީގައި ތިބެގެން ޣައިރު ޤާނޫނީ ގޮތުން ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެ ކިޔާ ޔަހޫދީ ދައުލަތެއް އުފައްދައި ދިނުމާގުޅިގެންނެވެ.
ޤުދްސުގެ އިރުމަތީގައި އިސްރާއީލުން ހިފީ 1976 ގައި ޢަރަބިންނާ ދެކޮޅަށް ހަނގުރާމަކޮށްގެންނެވެ. އެއަށް ފަހު 1983 ގައި އިސްރާއީލުންވަނީ އދ.ގެ ޤަރާރުތަކާއި ބައިނަލްއަޤްވާމީ ޤާނޫނަށް ގޮންޖެހުމަށް ފަހު މުޅި ޤުދްސަކީ އިސްރާއީލެވެކިޔާ ޔަހޫދީ ދައުލަތުގެ ވެރިރަށް ކަމުގައި ހަމަޖައްސާފަ އެވެ. ނަމަވެސް އެމެރިކާއާއި ކެނެޑާފަދަ ހައްދުފަހަނަޅާފައިވާ ޔަހޫދީ ޒަޔަނިސްޓު ޖަމާއަތްތަކުގެ ނުފޫޒުގެ ދަށުގައިވާ ދެތިން ޤައުމަކުންނޫނީ ޤުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އަދި އިޢްތިރާފް ވެފައެއްނުވެ އެވެ.

ޤުދްސުގައި ޔަހޫދީންގެ ތާރީޚީ އާޘާރުތައް ހުރިކަމަށްބުނެ ޤުދްސުގެ އެތަންމިތަން ކޮންނަމުން ގެންދިޔުމުގެ ބޭނުމަކީ އެރަށުގެ ވަޒަންވެރިން ކަމަށްވާ ފަލަސްތީނުގެ ރައްޔިތުން އެރަށުން ބޭރުކޮށް ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް އެރަށުގައި ވަޒަންވެރިކުރެވޭނެ ހުއްޖަތެއް ހޯދުންކަމަށް އިސްރާއީލުގެ ތަޖްރިބާކާރުން ވިދާޅުވެ އެވެ.

ޤުދްސުގައި ޔަހޫދީންގެ އާޘާރެއް ހުރިކަމަށްބުނެ އެރަށް ކޮންނަމުން ގެންދިޔުމުގެ ސަބަބުން މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ޢިމާރާތަށާއި ސަޚްރާ މިސްކިތުގެ ޢިމާރާތަށް ގެއްލުންތައް ލިބެމުންދާތީ އދ. އާއި ޔުނެސްކޯ އިންވަނީ މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިސްރާއީލަށް ގޮވާލާފަ އެވެ. ނަމަވެސް އިސްރާއީލު ގެންދަނީ މިކަން ހުއްޓާލުމަށް ދެކޮޅު ހަދައި ބައިނަލްއަޤްވާމީ ޤާނޫނޫތަކަށާއި އދ.ގެ ޤަރާރުތަކަށް ގޮންޖަހަމުންނެވެ. (އަލްޖަޒީރާ)