މުމްބާއީ (ޖެނުއަރީ 4): ޖެޓް އެއާވޭސްގެ ބޯޓެއްގެ ކޮކްޕިޓުގައި ދެ ޕައިލެޓުންގެ މެދުގައި ހަމަނުޖެހުން ހިނގައިފި އެވެ.

މިމަހުގެ އެކެއްގައި އިނގިރޭސިވިލާތުގެ ލަންޑަނުން އިންޑިއާގެ މުމްބާއީއަށް ދިޔަ އެބޯޓުގައި 324 މީހުން ތިބި ކަމަށާއި ބޯޓު ވަނީ ސަލާމަތް ކަމާއެކު މުމްބާއީގައި ޖައްސާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަަމަވެސް އެހާދިސާއާ ގުޅިގެން އެ ދެ ޕައިލެޓުން ސަސްޕެންޑުކޮށްފައިވާ ކަމަށް ޖެޓް އެއާވޭސް އިން ބުންޏެވެ.

އެހާދިސާ ހިނގި ބޯޓުގެ ފަސިންޖަރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެހަމަނުޖެހުން ހިނގީ ބޯޓުގައި އިން ފިރިހެން ޕައިލެޓު އަންހެން ޕައިލެޓުގެ ގައިގައި ޖެހުމުންނެވެ. އޭގެ ސަބަބުން އަންހެން ޕައިލެޓު ވަނީ ކޮކްޕިޓުން ބޭރަށް ގޮސްފައި ކަމަށާއި އޭނާ އެނބުރި ދިޔައީ އިރުކޮޅަކަށް ފަހުން ކަމަށް ނޫސްތަކުގައިވެ އެވެ.

ޖެޓް އެއާވޭސް އިން ވަނީ އެފަދަ ހާދިސާއެއް ހިނގި ކަން ޔަގީންކޮށްދީފަ އެވެ. އަދި އެއެއާލައިނުން ވަނީ އެމައްސަލަ ތަހުގީގު ކުރުމަށްޓަކައި ކަމާ ބެހޭ ސަރުކާރުގެ އިދާރާ ކަމަށްވާ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އަށް އެމައްސަލަ ހުށަހަޅާފައި އެވެ.

(ބީބީސީ)