04 Jan 2018, 16:15
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް އެދި އެމަނިކުފާނު ހުށަހަޅާފައިވާ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ދައުލަތުގެ މައްޗަށް އަމުރުކޮށްދޭން އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު އޮތީ ލިޔެކިޔުންތައް ބަދަލު ކުރުމެވެ. ނަމަވެސް ދައުލަތުން ވަނީ އިޖްރާއީ ނުކުތާއެއް ހުށަހަޅައި އެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދޭން ކޯޓުގައި އެދިފަ އެވެ.
ދައުލަތުން އެގޮތަށް ހުށަހެޅުމުން އަދީބްގެ ފަރާތުން އެކަމަށް ޖަވާބުދާރީ ވުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހު އަޑުއެހުމެއް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ އެ މައްސަލައިގެ ޑިސްޕިއުޓު ރެޒޮލިއުޝަންގެ ބައްދަލުވުމައި ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލު ނުލިބުމުންނެވެ.
އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ "ގްލޮކޮމާ" ޖެހިފައިވުން ހިމެނޭ ކަމަށް އޭނާގެ ގަނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ އަދީބަށް ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ދެވޭނީ އެމްއެމްޕީއާރްސީގެ ތެރެއިން އޭނާ ނެންގެވި ފައިސާތައް އަނބުރާ ދައުލަތަށް ދެއްކުމުން ކަމަށެވެ.