މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ރިޝްވަތުދެއްވާފައިވާ ކަމަށް ތުހުމަތުކޮށް ދައުވާ އުފުލައިފި އެވެ.

އަދީބުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެމަނިކުފާނު ނައިބު ރައީސަކަށް ހުންނެވި އިރު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ބައެއް ފުލުހުންނަށް ރިޝަވްތުދެއްވާއިގެން ބައެއް ކަހަލަ ނާޖައިޒު ފައިދާ ހޯދާފައިވާ ކަމުގެ މައްސަލަ އެވެ.

ރިޝްވަތު ދިނުމުގެ ދައުވާއާ އެކު އަދީބުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ވެސް އުފުލައިފަ އެވެ.

އަދީބުގެ މައްޗަށް މިއަދު އިތުރު ދެ ދައުވާ އުފުލާފައިވާ އިރު މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލާގައި ނިމިގެން ދިޔަ 2017 ވަނަ އަހަރު ވަނީ އޭނާގެ މައްޗަށް ނުވަ ދައުވާއެއް ވެސް ކޮށްފަ އެވެ. އަދި އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ.

އަދީބުގެ މައްޗަށް ދައުލަތުން ގިނަ ތުހުމަތުތަކެއްކޮށް ދައުވާ އުފުލަމުންދާއިރު އޭނާގެ މައްޗަށް މިހާރު ވެސް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.