04 Jan 2018, 17:47
ދާދި ފަހުން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ސުޕެއިންގެ ބާސެލޯނާއިން ފުރާންސްގެ ޕީއެސްޖީއަށް ބަދަލުވި ނޭމާ، އަންނަ ހޫނު މޫސުމުގެ ޓުރާންސްފާގައި ރެއާލް މެޑްރިޑަށް ބަދަލުވުމާ ގުޅޭގޮތުން ބާސާގެ ތަރި ލިއޮނަލް މެސީގެ ފަރާތުން ލަފާ ހޯދި ކަމަށް ސުޕެއިންގެ ދުވަސްވީ ނޫހެއް ކަމަށްވާ "ޑޮން ބެލޮން" އިން ރިޕޯޓު ކޮށްފި އެވެ.
ބާސެލޯނާއަށް ނިސްބަތްވާ ނޫސް، "ޑޮން ބެލޮން" އިން ބުނެފައިވަނީ ނޭމާ މެސީއާއެކު ރެއާލް މެޑްރިޑާ ގުޅޭގޮތުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީ އާއި ރެއާލް ވާދަކުރަން ޖެހޭއިރު، ނޭމާގެ ކިބައިން ރެއާލް ކަޓުވާލުމަށް މެސީ އެދުނުކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
ޕީއެސްޖީ ދޫކޮށް ނޭމާ ރެއާލްއަށް ބަދަލުވުމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާއިރު، ނޭމާގެ ބައްޕަ އަދި އޭނާގެ އޭޖެންޓް ނޮވެމްބަރު މަހު ބުނެފައިވަނީ ޕީއެސްޖީއާއެކު ދިގު މުއްދަތެއްގެ ކޮންޓުރެކްޓެއް ހެދިފައި އޮތް ނަމަވެސް، ކަންތައްތައް ބަދަލުވެދާނެ ކަމަށެވެ. އަދި ނޭމާ އަބަދުވެސް ވިސްނާނީ ކެރިއަރުގެ ކުރިއެރުމަށް ކަމަށްވެސް ނޭމާގެ ބައްޕަ ބުނެފައިވެ އެވެ.
"ޑޮން ބެލޮން" އިން ބުނެފައިވަނީ ރެއާލްއަށް ނޭމާ ބަދަލުވުމަށް މެސީ ހުރަސް އެޅުން ގާތް ކަމަށެވެ. ލަލީގާ ތާވަލުގައި ބާސާއިން 14 ޕޮއިންޓުގެ ލީޑެއްގައި އޮތްއިރު، ޑޮން ބެލޮން އިން ބުނެފައިވަނީ ރެއާލްއަށް ނޭމާ ބަދުލުވުމާ ދެކޮޅަށް މެސީއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ލީގު ތާވަލުގައި ބާސާއިން ނަގައިފައިވާ ބޮޑު ލީޑާއެކު ރެއާލްގެ ކޯޗު، ޒައިނުއްދީން ޒިދާންއަށް ވަނީ ޕުރެޝަރު ވެފަ އެވެ. ވޭތުވެދިޔަ ދެ ސީޒަންގައި ޗެމްޕިއަންސް ލީގު ހޯދި ނަމަވެސް ޒިދާންއަށް މި ސީޒަންގައި އޭނާގެ ފޯމު ދެމެހެއްޓޭ ގޮތް ވެފައި ނުވާއިރު، ރެއާލްއިން ޓުރާންސްފާ މާކެޓަށް ދަނީ ތައްޔާރު ވަމުންނެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުލަބު ކަމަށްވާ ރެއާލްއަކީ ކޮންމެ ޓުރާންސްފާ ސީޒަނެއް ގައިވެސް ބޮޑެތި އަގުތަކެއްގައި ކުޅުންތެރިން ގެއްދިއުމަށް ފާހަގަކޮށްލެވޭ ޓީމެކެވެ. ޓީމަށް ބަދަލުތަކެއް ގެންނަން ޖެހިފަިއވާ މި ދަނޑިވަޅުގައިވެސް ރެއާލްގެ ޓުރާންސްފާގެ އަޑު މީޑިއާގައިވަނީ ގަދަވެފަ އެވެ. އެގޮތުން ނޭމާގެ އިތުރުން، ޗެލްސީގެ ހަޒާޑް އަދި ޓޮޓެންހަމްގެ ހެރީ ކޭންއަށްވެސް ރެއާލްއިން ދަނީ ލޯ އަޅަމުންނެވެ.
ވޭތުވެދިޔަ ޓުރާންސްފާ ސީޒަންގައި ނޭމާ ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 263 މިލިއަން ޕައުންޑުގެ އަގަށެވެ. އަދި ޕީއެސްޖީގެ ކޮންޓުރެކްޓް ހަމަނުވަނީސް ނޭމާ ގެންދިއުމަށް އޭނާގެ "ބައި އައުޓް ކުލޯސް" ކަމަށްވާ 198 މިލިއަން ޕައުންޑް ޕީއެސްޖީއަށް ދައްކަން ޖެހޭނެ އެވެ.