ސްޓެލްކޯ އިން ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން ޑޮލަރު ގަތުމަށް އެޑްވާންސްކޮށް ފައިސާ ޚަރަދުކުރި މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ސޯލިހު އާއި އިތުރު މީހަކަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަނބުރާ ފޮނުވާލައިފި އެވެ.

މި މައްސަލަ އޭސީސީ އަށް ފޮނުވާލީ އިތުރު ކަންތައްތަކެއް ސާފުކުރުމަށް ކަމަށް ބުނެ އެވެ. ނަމަވެސް އޭސީސީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ދައުވާ ނުކުރަން އަންގާފައިވާ ކަމަށް ބުނެ ސިޓީއެއް މިއަދު އެ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށާއި މިހާރު މަސައްކަތް ކުރަނީ އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ކޮމިޝަންގެ މެމްބަރުންނާ އެކު މަޝްވަރާ ކުރަން ކަމަށެވެ.

އޭސީސީ އިން މިދިޔަ ޖުލައި މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން 200,000.00 އެމެރިކާ ޑޮލަރު ގަތުމަށް ޓަކައި އެޑްވާންސްކޮށް 3,084,000.00 ރުފިޔާ ސްޓެލްކޯ އިން ޚަރަދުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ޝުކޫރުގެ މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލި އިރު، ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަތުމަށް ޓަކައި ޝަރޫ ލޯންޗު ސާވިސް އަށް ގަވާއިދާ ޚިލާފަށް 17.8 މިލިއަން ރުފިޔާ ދިން މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް ވަނީ ނިންމާފަ އެވެ.