04 Jan 2018, 14:57
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގައި މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ،) 18 އަހަރަށް ޖަލަށްލާފައި ހުއްޓާ އޭނާ ގަވައިދާ ހިލާފަށް ފުރުވާލިކަމަށް ބުނެ ދެ ބޭފުޅެއްގެ މައްޗަށް މަގާމުގެ ނާޖައިޒު ފައިދާ ނެގުމުގެ ދައުވާ ދައުލަތުން އުފުލައިފިއެވެ.
ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރީގެ ކަމިޝަނަރ އޮފް ޕްރިޒަން މޫސާ އާޒިމް އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް މުހައްމަދު ހާނިމްގެ މައްޗަށެވެ.
ސަފާ ފުރުވާލި މައްސަލާގައި ހަ މީހެއްގެ މައްޗަށް ތުހުމަތުކުރި ނަމަވެސް ދައުވާ އުފުލާފައިވަނީ އެ ދެ ބޭފުޅުންގެ މައްޗަށް އެކަންޏެވެ.
ސަފާއަށް އިއްވި 18 އަހަރުގެ ޖަލު ހުކުމް މިހާރު ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ގަވައިދާ ހިލާފަށް ސަފާ ބޭރަށް ފޮނުވާލި މައްސަލާގައި ހާނިމްގެ މައްޗަށް ދައުވާކުރި އިރު އޭރު އޭނާ ހުންނެވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
މި މައްސަލައިގެ ދައުވާ އުފުލަން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މީގެ ހަތަރު އަހަރު ކުރިން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ދުވަހުއެވެ.
މިއަދު ދައުވާ އުފުލި ދެ ބޭފުޅުންގެ އިތުރުން އެ މައްސަލަ ތަހުގީގުކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕީޖީ އަށް ފޮނުވާފައިވާ މީހުންނަކީ ސަފާ ރާއްޖެ އިން ބޭރަށް ފޮނުވާލާ ފޯމްގައި ސޮއިކުރި އައިޖީއެމްއެޗުގެ ދެ ޑޮކްޓަރުންގެ ތެރެއިން ޕްރޮސްތެޓިސްޓް އެންޑް އޯތޯޓިސްޓް، ސީނިއާ އޮފިސަ ގްރޭޑް 2، އަބްދުﷲ ރާފިއު އާއި ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުގެ ދެ މެމްބަރުން ކަމަށްވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. މުހައްމަދު ފަޒްނީން ލަތީފާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އިސްހާގު އަހުމަދާއި މާލޭ ޖަލުގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ތައުފީގުގެ މައްޗަށެވެ.
އެ މައްސަލައާ ގުޅިގެން އޭރު އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ އައިޖީއެމްއެޗްގެ ޕްރޮސްތެޓިސްޓް އެންޑް އޯތޯޓިސްޓް، އަބްދުﷲ ރާފިއު ފޯމްގައި ސޮއިކޮށް ސަފާ ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަދީފައިވާ އިރު، ސިއްހީ ފަރުވާގެ އާންމު އުސޫލުގައިވާގޮތުން އެފަދަ ހުއްދައެއް ދެވޭނީ ހަމައެކަނި ޑޮކްޓަރަކަށް ކަމަށް ބުނެފައިވާ ކަމަށެވެ.
"ޑޮކްޓަރެއްކަމަށް ނުވާހާލު އިތުބާރުހިފޭ މަގާމެއްގައި ހުރެ އަބްދުﷲ ރާފިއު އެފަދައިން އެންޑޯޒްމަންޓް ދީފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށްވާހިނދު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އއ. އުކުޅަސް، ރޭނިގެ، އަބްދުﷲ ރާފިއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް މި މައްސަލަ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ،" އޭސީސީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ ސަފާގެ ފޯމްގައި ޑޮކްޓަރު ސޮއިކޮށްފައިވާ ތާރީހަކީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަސް ކަމުގައި ވިޔަސް އެ ދުވަހު ސަފާ އެއްވެސް ބޭނުމެއްގައި މާފުށީ ޖަލުން ނެރެފައިނުވާކަން ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ފޯމު ފުރިހަމަ ކުރުމަކީ މެޑިކަލް ސެކްޝަންގެ ކަމެއް ކަމަށް "މެޑިކަލް ބޯޑުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު"ން އެންގެން އޮންނަ އިރު، ސަފާގެ ފޯމްގައި ސޮއިކުރުމަށް ހާނިމް އާއި ތައުފީގު ޑޮކްޓަރުގެ އެޕާޓްމަންޓަށް ގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ސަފާ ހޮސްޕިޓަލަށް ގެންދިޔަކަމަށް ފޯމެއް ހެދުމަށްޓަކައި، ފޯމެއް ހޯދައިދިނުމަށް ހާނިމް އެދުމާ ގުޅިގެން މެޑިކަލް ސެކްޝަންގެ ކޮމްޕިއުޓަރު ސިސްޓަމަކުން އެވައްތަރުގެ ފޯމެއް ޕްރިންޓް ނަގައިގެން ގޮސް ހާނިމްގެއަތަށް ދީފައިވާ ކަމަށް ތައުފީގު ތަހުގީގުގައި ބުނެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި މެޑިކަލް ސެކްޝަންގެ އިސްވެރިއަކަށް ހުރި ފަރާތުގެ ޢައިރުހާޒިރުގައި އެތަނުގައި ހުރި ފޯމެއް ނެގުމަކީ ތައުފީގުގެ ވާޒީފާގެ މަސްއޫލިއްޔަތުގެ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ ސަފާގެ ހާލު ވަރަށް ދެރަވެގެން ރާއްޖެއިން ބޭރަށް ފޮނުވަން ކަމަށްބުނެ، ޓްރެވަލް ޑޮކުއުމެންޓް ތައްޔާރުކޮށްދިނުމަށް އެދި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ސިޓީއެއް ފޮނުވުމަށް ތަންފީޒީ ސެކްޝަނުގައި ހާނިމް އެދިފައިވާ ކަމަށެވެ. އަދި އާންމުގޮތެއްގައި އެފަދަ ސިޓީތަކުގައި ސޮއިކުރަންޖެހޭނީ ތަންފީޒީ ސެކްޝަންގެ ވެރިއަކަށް ހުންނަ ބޭފުޅަކު ކަމުގައި ވިޔަސް، އިމިގްރޭޝަނަށް ފޮނުވާފައިވާ އެ ސިޓީގައި ސޮއިކޮށްފައި ވަނީ ހާނިމް ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ސިޓީ ތައްޔާރުކުރުމަށް އަންގާފައި ވަނީ އަދި އެ ސިޓީ ޑިސްޕެޗުކޮށްފައި ވަނީ ސަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމުމުގެ ކުރިންކަން ތަހުގީގަށް ކަށަވަރު ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ސަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށް މެޑިކަލް ބޯޑުން ނިންމިއިރު ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް ޑރ. ފަޒްނީން ހިފަހައްޓާ މިންގަނޑަށް ދޫދެވިފައިވާކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ތަހުގީގުގައި ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި ސަފާ ރާއްޖެއިން ބޭރަށް ފޮނުވަން މެޑިކަލް ބޯޑުން ނިންމި ނިންމުމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އިސްހާގު ގަވާއިދާ ޚިލާފަށް ސޮއިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ސަފާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލާފައި ވަނީ އެކަމާ ގުޅޭ ލިޔެކިޔުން ފުރިހަމަނުވެކަން އެނގުނުނަމަވެސް މެޑިކަލް ބޯޑުގެ ހުއްދަ ފޯމްގައި އެކަމަށް ހުއްދަދިން ފަރާތުގެ ގޮތުގައި ސޮއިކޮށްފައިވާނެ ކަމަށް އޭރުގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އާޒިމް އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.