ސީޝެލްސްގައި މިހާރު ކުރިއަށްދާ އަށްވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސެމީ ފައިނަލުގައި ބުރާސްފަތު ދުވަހު ސީޝެލްސްއާއި ރިޔޫނިއަން ބައްދަލުކުރި މެޗްގެ ރެފްރީކަން ރާއްޖޭގެ ރެފްރީ އަލީ ސަލީމް ކޮށްފި އެވެ.
މުބާރާތް ބާއްވާ ޤައުމުކަމުގައިވާ ސީޝެލްސްއާއި ދިވެހި ރާއްޖެ ބައްދަލުކުރި މެޗުން 5-1ގެ ނަތީޖާއަކުން ރާއްޖެ ބަލިކުރުމަށް ފަހު ސެމީފައިނަލުގެ ޖާގައެއް ހޯދާފައިވާ ސީޝެލްސް ކުޅުނު މިމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރުމަށް ފަހު ސީޝެލްސްވަނީ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.

މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައި ވަނީ ރިޔޫނިއަންއިންނެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ސީޝެލްސްއިންވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިމެޗުން ސީޝެލްސް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ މެޗްގެ އިތުރު ވަގުތުގެ ކުޅުމުގެ ފަހު މިނިޓްގަ އެވެ.

މިމެޗަށް ފަހު އަލީ ސަލީމް ބުނެފައި ވަނީ ހީކުރިގޮތާ ޚިލާފަށް ވަރަށް ހަމަޖެހިގެން މިމެޗްގެ ރެފްރީކަން ކުރެވުނު ކަމަށެވެ.

"ހީކުރިގޮތާ ޚިލާފަށް ވަރަށް ރަގަޅަށް މިމެޗް މިކުރެވުނީ. އުންމީދުކުރަން ވަރަށް ބޮޑަށް މިމުބާރާތުގެ ފައިނަލް މެޗްގެ ރެފްރީކަން ކުރުމުގެ ފުރުސަތު ލިބޭނެކަމަށް."

ސަލީމް އިތުރަށް ބުނެފައިވަނީ މިއީ އެފްރިކާ ބައްރުގެ ދެޓީމެއްގެ މެޗެއް ރެފްރީކަން ކުރުމުގެ ފުރުސަތު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރުކަމަށެވެ.

"މިއީ އެފްރިކާގެ ދެޤައުމެއްގެ ކުރިމަތިލުމެއް އިންސާފް ކުރުމުގެ ފުރުސަތު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރު. މީގެ ކުރިން ނެހްރޫ ކަޕްގެ ތިންވަނަ ހޮވި މެޗް ކުރިން." ސަލީމް ބުންޏެވެ.