04 Jan 2018, 15:22
ބްރެޒިލްގެ ލެޖެންޑް، ރޮނާލްޑޯ ނަޒޭރިއޯ ކުޅުނު ދުވަސްވަރުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާއަށް ވުމަކީ މިހާރަށްވުރެ މާ އުނދަގޫ ކަމެއް ކަމަށް އޭނާ ބުނެފި އެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 98 މެޗުން 62 ގޯލް ޖަހައިދީފައިވާ ރޮނާލްޑޯ ބުނެފައިވަނީ، އޭނާ ކުޅުނު ދުވަސްވަރަކީ ފުޓުބޯޅަ ދުނިޔޭގައި މާ ވާދަވެރި ދުވަސްވަރެއް ކަމަށެވެ. މިހާރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރަނީ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށާއި، ކުރިއަށްއޮތް ތަނުގައިވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާއަށް ވާދަކުރާނީ އެ ދެ ކުޅުންތެރިން ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
"މިހާރު މި ކުޅޭ މެސީ އަދި ރޮނާލްޑޯއަށް ބުނާ ބަދުބަހެއް ނޫން މިއީ، އޭރުގަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނަށް ވާދަކުރާ ކުޅުންތެރިން މާ ގިނަ. ޒިދާން، ރިވާލްޑޯ، ފީގޯ އަދި އަހަރެންގެ އިތުރުން ރޮނާލްޑީނިއޯ އަކީވެސް އޭރު ދުނިޔޭގެ އެއްވަނައަށް ވާދަކުރި ކުޅުންތެރިން،" ރޮނާލްޑޯ ފާހަގަކުރި އެވެ.
ޔޫރަޕުގެ ބޮޑެތި ކުލަބުތައް ކަމަށްވާ، ބާސެލޯނާ، އިންޓަ މިލާންގެ އިތުރުން ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ ރޮނާލްޑޯ ވަނީ ނޭމާ ޕީއެސްޖީއަށް ބަދަލުވުމާއި ގުޅިގެންވެސް ވާހަކަ ދައްކައިފަ އެވެ.
ރޮނާލްޑޯ ބުނެފައިވަނީ ނޭމާ ބާސާ ދޫކޮށްލި ސަބަބު ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ.
"ޓުރާންސްފާގެ ފަަހަތުގައިވާ ހަގީގަތް ޔަގީންކޮށް ބުނަން ނޭނގެ. ވެދާނެ އަހަންނާއި ބާސެލޯނާގެ ރާއިސާ ދެމެދު ޖެހުނު ކަހަލަ މައްސަލައެއް ޖެހުނީ ކަމަށްވެސް" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނެފައިވަނީ އޭނާ ބާސާ ދޫކޮށްލީ ބާސާގެ ރައީސާއި މައްސަލަތަކެއް ޖެހުމުން ކަމަށާއި ބާސާ ދޫކޮށް އިޓަލީގެ އިންޓަ މިލާންއަށް ބަދަލުވި އިރު، އިޓަލީ ލީގަކީ ނޭމާ ބަދަލުވި ފުރާންސް ލީގަށްވުރެ ވަރުގަދަ ލީގެއް ކަމަށްވެސް އޭނާ ބުންޏެވެ.
ރޮނާލްޑޯއަކީ ރެއާލްއިން ކަނޑައަޅާފައި ހުންނަ އެމްބެސެޑަރެކެވެ.