މޮސްކޯ (ޖެނުއަރީ 4): ސީރިއާގެ އިދިކޮޅު ފަރާތްތަކުން މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާއެއްގައި ރަޝިއާގެ ހަތް މަތިންދާބޯޓު ހަލާކުވެފައިވާ ކަމަށް ރަޝިއާގެ ނޫހަކުން އިއްޔެ ބުނެފި އެވެ.

ސީރިއާގައި ހުންނަ ރަޝިއާގެ ވައިގެ މަރުކަޒަކަށް ދިން އެހަމަލާގައި މަތިންދާބޯޓުގެ އިތުރުން ވަޒަން ރައްކާކުރާ ގުދަނެއް ވެސް ހަލާކުވެފައިވާ ކަމަށާއި އެ ހާދިސާގައި 10 މީހަކަށް އަނިޔާވެފައިވާ ކަމަށް ކޮމަސަންޓު ނޫހުން ބުންޏެވެ.

ރަޝިއާގެ ނޫހުގައިވާ ގޮތުން އެއީ 2015 ވަނަ އަހަރު އެގައުމުން ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވި ފަހުން ރަޝިއާގެ އަސްކަރީ ސާމާނަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.

އެހަމަލާ ދީފައި ވަނީ މިދިޔަ މަހުގެ 11ގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އެ މަރުކަޒަށް ޒިޔާރަތް ކުރެއްވި ފަހުންނެވެ. އެޒިޔާރަތުގައި ރައީސް ޕުޓިން ވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި ރަޝިއާގެ ސިފައިންނާ ބައްދަލުކުރައްވައި އެމީހުން އެނބުރި ގައުމަށް ދާނީ ސީރިއާގައި "ކާމިޔާބީ ހޯދުމަށް ފަހު" ކަމަށް ވިދާޅުވެފަ އެވެ.

އެރިޕޯޓާ ބެހޭ ގޮތުން ރަޝިއާގެ ޑިފެންސް މިނިސްޓްރީން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ. ނަަމަވެސް އިއްޔެ އެމިނިސްޓްރީން ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރަޝިއާގެ ދެ ހެލިކޮޕްޓަރެއް ސީރިއާއަށް ވެއްޓި، އެ ގައުމުގެ ދެ ޕައިލެޓުން މަރުވެފައިވާ ކަމަށް ބުނެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ރަޝިއާ އިން ވަނީ ސީރިއާގައި އެގައުމުގެ ސިފައިންގެ ދާއިމީ ވައިގެ މަރުކަޒަކާއި ކަނޑުގެ ސިފައިންގެ މަރުކަޒެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. (ގާޑިއަން)