ގާހިރާ (04 ޖެނުއަރީ): ވާޗުއަލް ކަރަންސީއެއްގެ ގޮތުގައި މިހާރު ދުނިޔޭގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވާ ބިޓްކޮއިން އިސްލާމްދީނުގައި ހަރާމްކަމަށް ބުނެ މިސްރުގެ އެންމެ އިސް މުފްތީ ޝައުކީ އާލަމް ފަތުވާ ނެރެފި އެވެ.

މުފްތީ ވިދާޅުވީ ބިޓްކޮއިން އިން މުއާމަލާތްކުރުމަކީ ޖުވާ ކުޅުމާ އެއްފަދަ ކަމެއް ކަމަށެވެ. ޝައުކީ ވިދާޅުވީ އެ ފަތުވާ ނެރުނީ އިގްތިސާދީ އެކިއެކި މާހިރުންނާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

ޝަައުކީ ވިދާޅުވީ ޖުވާ ކުޅުމެކޭ އެއްފަދައިން ބިޓްކޮއިންގެ ސަބަބުން އެ ފައިސާ ބޭނުންކުރާ މީހުންނަށް ބޮޑެތި މާލީ ގެއްލުނުތަކެއް ލިބުމުގެ ފުުރުސަތު އޮންނާނެ ކަމަށާއި އަދި ބިޓްކޮއިން މަނީލޯންޑްރިންގެ ކަންކަމުގައި ވެސް ބޭނުންކުރާ ކަމަށެވެ.

ބިޓްކޮއިން އަކީ މިސްރުގެ ސަރުކާރުން ބަލައިގަންނަ ފައިސާއެއް ނޫނެވެ. ބިޓް ކޮއިންގެ އަގު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް މައްޗަށް އަރައިފަ އެވެ. ޑިސެމްބަރު މަހު އެއް ބިޓްކޮއިންގެ އަގު ހުރީ 20،000 ޑޮލަރުގަ އެވެ. ނަމަވެސް އިއްޔެ ވަނީ އޭގެ އަގު 15،000 ޑޮލަރަށް ވެއްޓިފަ އެވެ.

މިސްރުގެ މުފްތީއެކޭ އެއްފަދައިން ސައުދީއަރަބިއްޔާގެ ދީނީ އިލްމުވެރިޔާ ޝައިކް އާސިމް އަލް ހަކީމް ވެސް ވަނީ ބިޓްކޮއިން ފައިސާގެ މުއާމަލާތްތަކުގައި ބޭނުން ކުރުމަކީ ހަރާމްކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އަދި ބިޓްކޮއިން އަކީ އަކީ ރަނގަޅަށް ރެގިޔުލޭޓްކުރާ ނިޒާމަކަށް ނުވެފައި މަސްތުވާތަކެއްޗާއި އަދި މަނީ ލޯންޑްރިންގެ ކަންކަމުގައި ބިޓްކޮއިން ބޭނުންކުރާ ކަމަށާއި އެހެންކަމުން އެއީ ހަރާމް ފައިސާ ކަމަށް ވެދާނެ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

މަސްދަރު: އާރުޓީ