04 Jan 2018, 12:31
ހދ. ކުޅުދުއްފުށީ އެއާޕޯޓު އަޅަން ހިއްކަންޖެހޭ ބައި ހިއްކައި ނިންމާލައިފި އެވެ.
ބިން ހިއްކުން ހަވާލު ކޮށްފައިވާ އެމްޓީސީސީ އިން ރާއްޖެ ގެނައި އާ ކޮންނަބޯޓު، މަހާ ޖައްރާފު ބޭނުން ކޮށްގެން ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއު ފަށައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން ފައްޓަވައި ދެއްވި އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ކުޅިން ނުވަ ހެކްޓަރާއި އެ ރަށު ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު ވަނީ ހިއްކައިފަ އެވެ.
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު މިއަދު ސަން އަށް ވިދާޅުވީ، އެއާޕޯޓު އަޅަން ހިއްކަންޖެހޭ ސަރަހައްދުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް ބައެއް ބަދަލުތަކެއް ގެނެސްފައިވުމުން އެކަމަށް ބޭނުންވާ ވެލި ސްޓޮކް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ބިން ހިއްކުމުގެ މަސައްކަތް ނިމުނު ކަމަށް އެމްޓީސީސީ އިން ބުނި ނަމަވެސް އެ ރަށު ކައުންސިލުން ބުނީ، އެއާޕޯޓް އެޅުމަށް ދައްކާފައިވާ ކުރެހުމަށް ބަލާ ނަމަ އަދި ބިން ހިއްކައި ނިމިފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފު ހަސަން މިއަދު ސަން އަށް ވިދާޅުވީ، އެ ރަށު މޫދުން ހިއްކަން ޖެހޭ ބައި ހިއްކައި ނިމިފައިވީ ނަމަވެސް، ކުޅިން ހިއްކަންޖެހޭ ބައި އެއްކޮށް ނިމިފައި ނުވާ ކަމަށެވެ. ނަމަވެސް އެތަން ހިއްކުމަށް ވެލި ޖަމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ވިދާޅުވެފައި ވަނީ، ޝެޑިއުލްކޮށްފައިވާ ގޮތުން މިއަހަރުގެ މެދު ތެރޭގައި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެ.