12 Aug 2011, 17:46
މާދަމާ އިން ފެށިގެން ސަރުކާރަށް ހުރިހާ ފީއަކާއި ޓެކުހެއް ރުފިޔާއިން ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވީ ނަމަވެސް، މާދަމާ ވެސް ފައިސާ ބަލައިގަންނަމުންދާނީ ކުރިއެކޭ އެއްގޮތަށް ކަމަށާއި އަދި ފިނޭންސުން އެންގި ގޮތަށް އަމަލު ކުރެވެން ނެތް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ(އިން ބުނެފި އެވެ.
މީރާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ސަރުކާރަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކާއެކު ހަދާފައިވާ އެގްރިމެންޓް އަދި ބައެއް ގާނޫނުތަކުގައި ވެސް ފައިސާ ދައްކަން ޖެހޭނީ ޑޮލަރުން ނުވަތަ ގަބޫލުކުރެވޭ ބޭރު ފައިސާ އަކުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމް ޓެކްސް ގާނޫނާއި އަދި ޓީޖީއެސްޓީ ގާނޫނުގައިވާ ގޮތުން ޓެކްސް ދައްކަން ޖެހެނީ ބޭރު ފައިސާ އިން ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމަ، އަޅުގަނޑުމެންނަށް ގާނޫނުގައިވާ ގޮތަށް އަމަލުކުރެވޭނީ. ޑޮލަރުން ފައިސާ ދައްކައި ފަރާތްތަކުން މާދަމާ ވެސް ޑޮލަރުން ފައިސާ ބަލައިގަންނާނީ. ރުފިޔާއިން ދައްކާ ފަރާތްތަކުގެ ފައިސާ ރުފިޔާއިން ބަލައިގަންނާނީ،" މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
ފިނޭންސުން އިއްޔެ ރުފިޔާއިން ފައިސާ ބަލައިގަތުމަށް މީރާ އަށް އަންގާފައިވަނީ، މިހާރު ހުރި ގާނޫނުތަކާއި އަދި އެއްބަސްވުންތައް އިސްލާހުނުކުރަނީސް އެ ނިންމުން ތަންފީޒު ނުކުރެވޭނެ ކަމަށް މީރާއިން ކުރިން ބުނެފައިވަނިކޮށެވެ.
ނަމަވެސް، ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް ރޭ ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އެ މައްސަލާގައި އެޓާނީ ޖެނެރަލްގެ ލަފާ ހޯދައި، މީރާއާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މާދަމާ ރުފިޔާއިން ފައިސާ ބަލައިގަންނަން ފެށުމުގައި ލީގަލް މައްސަލައެއް ނޯންނާނެ ކަމަށް ވެސް އިނާޒް ވިދާޅުވެފައިވެ އެވެ.
އަދި ޑޮލަރުން ފައިސާ ބަލައިގަންނަ ގޮތަށް ލާޒިމްކޮށްފައި ހުރި ގާނޫނުތަކާއި ކޮންޓްރެކްޓްތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރަށް ބަލައިގަންނަ ހުރިހާ ފީއާއި ޓެކްސްއާއި ފައިސާއެއް ރުފިޔާއިން ބަލައިގަންނަން ކެބިނެޓުން ނިންމާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެވެ. އެގޮތަށް ނިންމީ ދިވެހި ރުފިޔާގެ އަގު މަތިކުރަން ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.