04 Jan 2018, 12:39
އެލައިޑް އިންޝުއަރެންސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ މެރިން އެކްސްޕޯގައި ފެށި "އެލައިޑް ހަލް ޕްރޮމޯޝަން"ގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިޔަކު ހޮވީ މިއަދު އެލައިޑް އިންޝުއަރެންސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނީ، އެލައިޑްގެ ބޯޓް ބިލްޑިން އިންޝުއަރެންސް ޕްކޭޖް ނަގާފައިވާ، ށ. ކޮމަންޑޫ، ބަނަފްސާގޭ، އަހުމަދު އިސްމައިލް އެވެ.
ޕްރޮމޯޝަން ކުރިއަށްގެންގޮސްފައި ވަނީ އެލައިޑްގެ އިންޝުއަރަންސް ޕެކޭޖްތަކުގެ ތެރެއިން "ބޯޓް ބިލްޑިން އިންޝުއަރަންސް" އަދި "ހަލް އިންޝުއަރަންސް" ޕެކޭޖް އަލަށް ނަގާ ފަރާތްތަކުގެ މެދުގަ އެވެ.
އެ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ހަތަރު ސްޓްރޯކް 60 ހޯސްޕަވަރު ސުޒުކީ އައުޓްބޯޑް އިންޖީނެއް އެމްޓީސީސީގެ ފަރާތުން ދޭނެ ކަމަށް އެލައިޑުން ބުންޏެވެ. އެ އިންޖީނަކީ ގާތްގަނަކަށް 120،000 ރުފިޔާގެ އިންޖީނެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
އެލައިޑްގެ "ބޯޓް ބިލްޑިން އިންޝުއަރަންސް" އަދި "ހަލް އިންޝުއަރަންސް" ޕެކޭޖް ނަގައިގެން އޮޑި ބަނުމުގެ މަސައްކަތާ ހަމައިން ފެށިގެން ދަތުރުތަކަށް އޮޑިބޭލުމަށް ފަހު ވެސް އެލައިޑްގެ ޕްރޮޑަކްޓްތަކުގެ ހިމާޔަތުގެ ދަށުގައި ދޯނިފަހަރު ދަތުރުކޮށްލުމުގެ ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އެލައިޑުން ބުންޏެވެ.