04 Jan 2018, 11:47
އަނެއްކާވެސް ފުޓްބޯޅަ ކުޅުންތެރިއެއްގެ އިހުސާސް ކުރެވުމުން ހިތްހަމަ ޖެހޭ ކަމަށާއި އެތުލެޓިކޯ މެޑްރިޑްގެ ޖާޒީގައި ކުޅެވުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށް، ހަ މަސް ދުވަސް ވަންދެން ވާދަވެރި މެޗެއް ނުކުޅެ ހުރުމަށްފަހު، ރޭ ދަނޑު މައްޗަށް ނުކުތް ޑިއޭގޯ ކޮސްޓާ ބުނެފިއެވެ.
ވޭތުވެދިޔަ ސީޒަން ނިމުމަށްފަހު، ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެމެދު ޖެހުނު މައްސަލައެއްގައި ކޮސްޓާ ވަނީ ޗެލްސީ ދޫކޮށްލައިފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ކޮސްޓާއާއި ކޮންޓޭގެ ގުޅުމަށް ބުރޫ އެރީ، މި ސީޒަންގައި ޗެލްސީގައި ކޮސްޓާ މަޑުކުރި ނަމަވެސް އޭނާއަށް ޓީމުގައި ފުރުސަތު ނެތް ކަމަށް ބުނެ ކޮންޓޭ ކުރި ޓެކްސްޓް މެސެޖެއްގެ ސަބަބުންނެވެ. ކޮސްޓާ އޭނާގެ އޮފް ސީޒަންގެ ބޮޑު ބައެއް ހޭދަކުރީ އުފަން ގައުމު ބުރެޒިލްގައެވެ.
ވޭތުވެދިޔަ ހޫނު މޫސުމުގެ ޓުރާންސްފާ ސީޒަންގައި އެތުލެޓިކޯ މެޑްރިޑާ ކޮސްޓާ ގުޅެން އެއްބަސްވި ނަމަވެސް، ފީފާއިން އެތުލެޓިކޯ މެޑްރިޑަށް އަދަބެއްގެ ގޮތުން "ޓްރާންސްފާ ބޭން" ކަނޑައަޅާފައިވުމާއެކު އޭނާއަށް ޖެހުނީ ފިނި މޫސުމުގެ ޓުރާންސްފާ ބާޒާރު ހުޅުވެންދެން ނުކުޅެ ހުންނާށެވެ.
ސްޕެނިޝް ކޮޕާ ޑެލްރޭގެ ގަދަ 16ގައި ރޭ އެތުލެޓިކޯއިން ކުޅުނު މެޗުގައި ކޮސްޓާ ފެނިގެން ގޮސްފައިވާ އިރު، އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ގޯލެއް ވެސް ޖަހައިފައެވެ. ރަށުން ބޭރުގައި ތިންވަނަ ޑިވިޝަންގެ ލެއިޑާ އެސްޕޯޓިއޯއާ ދެކޮޅަށް އެތުލެޓިކޯއިން ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އެތުލެޓިކޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ޑިއެގޯ ގޯޑިން، ފެނާންޑޯ ޓޮރޭސްގެ އިތުރުން ކޮސްޓާ އަދި ގުރީޒްމަންއެވެ.
މެޗަށްފަހު ކޮސްޓާ ބުނީ އެނބުރި ކުރީގެ ކުލަބު، އެތުލެޓިކޯއަށް އައުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެނބުރި އައިސް އެތުލެޓިކޯ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލް ޖެހުމަކީ އޭނާގެ އެތުލެޓިކޯ ކެރިއަރ އަލުން ފެށުމަށް މުހިންމު ކަމެއް ކަމަށް ވެސް ކޮސްޓާ ބުންޏެވެ.
ރޭގެ މެޗުގައި ކޮސްޓާގެ ގޯލް ފެނިފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. އޭނާ ކުޅުން ނުކުތީވެސް މެޗުގެ 64 ވަނަ މިނެޓުގައެވެ.
މެޗަށްފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ، ކޮސްޓާގެ އެނބުރި އައުމާއެކު ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.
"ކޮސްޓާގެ އެނބުރި އައުމާއެކު ޓީމުގެ ހިތްވަރު އާވެއްޖެ، އޭނާގެ ސުޕީޑް، ވަރުގަދަކަން، މި ކަންކަމަކީ އޭނާގެ ފަރާތުން ބޭނުންވި ކަންތައް،" ސިމިއޯނީ ފާހަގަކުރިއެވެ.
ކޮސްޓާ އެތުލެޓިކޯއަށް މީގެ ކުރިންވެސް ކުޅެފައިވާ އިރު، 2014 ވަނަ އަހަރު އޭނާ ޗެލްސީއަށް ބަދަލުވީ 32 މިލިއަން ޕައުންޑުގެ ޓުރާންސްފާ ފީއެއްގައެވެ. އޭނާ ވަނީ ޗެލްސީއަށް ކުޅެދިން 120 މެޗުން 58 ގޯލް ޖަހައިދީފައެވެ. އަދި ވޭތުވެދިޔަ ސީޒަންގައި ޗެލްސީން ލީގު ކާމިޔާބުކުރި އިރު، އޭނާވަނީ 20 ގޯލް ޖަހައިދީފައެވެ.