04 Jan 2018, 12:13
މަދުން ނޫނީ ނުފެންނަ ކަނުވުމުގެ ބައްޔަކަށްދޭ ޖީން ތެރެޕީ ފަރުވާ 850،000 އެމެރިކާ ޑޮލަރަށް އެފަރުވާ ދޭން ތައްޔާރުވަމުންދާ ކަމަށް ސްޕާކް ތެރެޕިއުޓިކްސްއިން ބުނެފި އެވެ.
މިއީ އިންވެސްޓަރުން އެފަރުވާ ދޭން ބޭނުންވި ވަރަށް ވުރެ ކުޑަ އަގެކެވެ. އިންވެސްޓަަރުން ކުރިން ބޭނުންވީ އެ ފަރުވާ އެއް މިލިއަން ޑޮލަރަށް ދިނުމަށެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ އެ ފަރުވާ ދިނުމުގެ ހުއްދަ މިދިޔަ ޑިސެމްބަރު މަހު ދީފަ އެވެ. މަދުން ނޫނީ ނުފެންނަ ކަނުވުމުގެ އެ ބައްޔަކީ ވާރުތަވާ ބައްޔަކެކެވެ. މިއީ ވާރުތަވާ ބައްޔަކަށް ޖީން ތެރެޕީ ދޭން އެފްޑީއޭ އިން ހުއްދަ ދޭން ނިންމި ފުރަތަމަ ފަހަރެވެ.
ސްޕާކްސް އިން ބުނީ އެ ފަރުވާ އަގު ބޮޑުވުމުގެ ސަބަބުން އޭގެ އަގު އިންސްޓޯލްމަންޓަށް ދެއްކުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެ ފަރުވާ އަގު ކުޑަކޮށްފައި ވަނީ ބަލިމީހުންގެ އިހުސާސްތަކަށް ވެސް އިސްކަންދީގެން ކަމަށެވެ.
ލަކްސްޓާނާގެ ނަން ދީފައިވާ އެ ޖީން ތެރެޕީން އެ ފަރުވާ ދެނީ ބަލިޖެހިފައިވާ މީހުންގެ ލޮލޮގެ ރެޓިނާގައި އިންނަ އާރުޕީއީ65 ކިޔާ ޖީންއަކަށް ފަރުވާ ދީގެންނެވެ. ބަލިޖެހިފައިވާ މީހުންގެ ލޮލޮގައި އެ ޖީން ރަނގަޅަށް މަސައްކަތް ނުކުރާ އިރު ލޮލުގައި އުފައްދާ އެންޒައިމެއް ނުއުފައްދަ އެވެ.
ލަކްސްޓާނާ ޖީން ތެރެޕީގައި ލޮލަށް އާރުޕީއީ65ގެ ރަނގަޅު ޖީން ކޯޑް ހިމެނޭ އިންޖެކްޝަނެއް ލޮލަށް ޖަހަ އެވެ. މިހާތަނަށް ކުރި ޓެސްޓުތަކުން ވަނީ އިންޖެކްޝަން ޖެހުމުގެ ސަބަބުން ލޮލޮގެ ފެނުން ރަނގަޅުވާކަމަށް ދައްކައިފަ އެވެ.
އެހެން ނަމަވެސް ފަރުވާ އަށް ފަހު ކިހާ ދުވަހެއް ވަންދެން ލޮލޮގެ ފެނުން ރަނގަޅަށް ހުންނާނެ ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
މަސްދަރު: ރޮއިޓާސް