04 Jan 2018, 11:36
ހުސްވި ޑިސެމްބަރު މަހު ސްރީލަންކާ އަދި އިންޑިއާއަށް އެރި ތޫފާން އޯޗީގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދުމަށް އެގައުމުގެ މަސްވެރިން އަމިއްލަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މަސްވެރިން އެމީހުންގެ އަމިއްލަ އޮޕަރޭޝަނެއް ފެށީ ތޫފާނުގެ ސަބަބުން ގެއްލުނު އެމީހުންގެ އެކުވެރިން ހޯދަން ސަރުކާރުން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ބުނެއެވެ. އެ މަސްވެރިން މިހާރުވަނީ އެމީހުންގެ އެކުވެރިން ހޯދަން ކުރާ ދަތުރުގައި ރާއްޖެއަށް މިސްރާބު ޖަހައިފައެވެ.

އިންޑިއާގެ މަސްވެރިންތަކެއް ---
މި މަސްވެރިން ރާއްޖެ އައުމަށް ހުއްދަ ނެގީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށެވެ. މި އޮޕަރޭޝަނުގައި ރާއްޖޭގެ ފަޅުރަށްތަކުގައި އިންޑިއާގެ ގެއްލުނު މަސްވެރިން ތިބިތޯ ބަލާނެއެވެ.
ސައިކްލޯން އޯޗީގައި ގެއްލުނު 100 އެއްހައި މަސްވެރިން އަދިވެސް ނުފެނި ވާއިރު އިންޑިއާގެ ކޯސްޓްގާޑާއި ނޭވީ އިން ވަނީ އެގައުމުގެ ކަނޑުގެ ސަރަހައްދުގެ 600 ނޯޓިކަލް މޭލު ބަލައިފައެވެ. ނަމަވެސް ގެއްލިފައިވާ މަސްވެރިންގެ އާއިލާތަކުންނާއި އެމީހުންގެ އެކުވެރިން ވަނީ ގެއްލުނު މަސްވެރިން އަދިވެސް ފެންނާނެ ކަމަށާއި އެމީހުން ހޯދަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެފައެވެ. އަދި އަވައްޓެރި ގައުމުތަކުން ގެއްލުނު މަސްވެރިން ތިބެދާނެ ކަމަށާއި އެގައުމުތަކާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްގެންދަން ބޭނުންކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އިންޑިއާގެ މަސްވެރިން ރާއްޖެއަށް ކުރާ ދަތުރާ ގުޅޭގޮތުން ދަ ހިންދޫ އިން ބުނީ، އެ މީހުންނަށް ރާއްޖެއާ ހަމައަށް ފޯރާނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެމީހުންގެ އޮޕަރޭޝަން މިމަހުގެ ފަހެއްގައި ފަށާނެ ކަމަށާއި ނަމަވެސް ދަތުރާ ގުޅޭ އިތުރު ހަބަރެއް އަދި ނުލިބޭ ކަމަށް ވެސް ދަ ހިންދޫގައި ބުނެފައިވެއެވެ.
އޯޗީގައި އިންޑިއާގެ 67 މަސްބޯޓެއް ގެއްލިފައިވާ އިރު އެތައް ސަތޭކަ މަސްވެރިންނެއް ވަނީ ގެއްލިފައެވެ. ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރައިފައެވެ.