ލ. ފޮނަދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހިންގަމުން އަންނަ އިންޖީނުގެ އިން ކަރަންޓް ޔުނިޓަކަށް ނަގާވަރު ބޮޑު ކުރުމާ ގުޅިގެން އެ ރަށު ބަޔަކު މަގުމައްޗަށް ނުކުމެ، އިންޖީނުގޭ ގޮށުގައި މުޒާހަރާކުރަން ފަށައިފި އެވެ.

ފޮނަދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ މި މުޒާހަރާއަކީ ރަށު ކައުންސިލުން ކަރަންޓުގެ އަގުބޮޑު ކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ސުލްޙަވެރިކަމާ އެކު ކުރާ މުޒާހަރާއެއް ކަމަށާއި މުޒާހަރާ ފަށާފައި ވަނީ މިއަދު ހަވީރު ހަތަރެއް ޖެހިއިރުކަމަށެވެ. އަދި އޭނާ ބުނީ މުޒާހަރާ ކުރަން ޖެހުނީ މިހާރު އާންމު ގެތަކުން ޔުނިޓަކަށް ހަ ރުފިޔާ އަދި ފިހާރަތަކުން 7.50ރ.ގެ ރޭޓުން ނަގަމުން އަންނަ ކަރަންޓްގެ އަގު މި މަހުން ފެށިގެން ބޭންޑެއްގެ ދަށުން ބޮޑު ކުރަން ނިންމުމުން ކަމަށެވެ.

"މުޒާހަރާ ކުރަން ނިންމީ ރައްޔިތުންގެ އިންޖީނުގެއަކުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްނުވާތީ. މިދިޔަ މަހުގެ ކަރަންޓް ބިލް ދައްކަން ދިޔައިމާ އެތަނުން ދިނީ ފާޑެއްގެ ސްލިޕެއް. އޭގައި އޮންނަނީ ކަރަންޓް އަގު ބޮޑުކުރި ގޮތުގެ ތަފްސީލު. އެހެންވެ އެކަމާ ރައްޔިތުން ހިތްހަމަ ނުޖެހިގެން މި ނުކުންނަނީ. ކަރަންޓް ޔުނިޓަކަށް މިހާރު ވެސް އެބަ ނަގާ ހަ ރުފިޔާ. ފިހާރަތަކުން ހަތް ރުފިޔާ ބައި އެބަނަގާ. މިއީ އަސްލު މައްސަލްއަކީ،" އޭނާ ބުންޏެވެ.

ފޮނަދޫ އިންޖީނުގެއިން ދެމުން އަންނަ ކަރަންޓްގެ ޚިދުމަތުން މިދިޔަ މަހުން ފެށިގެން ފިއުލް ސާޗާޖެއް ނެގުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް އަޑު ފެތުރިފައިވާ އިރު ކައުންސިލްގެ ބައެއް މެމްބަރުން ވަނީ އެކަން ދޮގުކޮށްފައިވާ ކަމަށް ވެސް ފުނަދޫން މައުލޫމާތު ދިން މީހާ ބުންޏެވެ.

ފޮނަދޫ ރަށު ކައުންސިލްގެ މީޑިއާ ކޯޓިނޭޓާ އަބްދުއްﷲ ޝަރީފް މިއަދު ވިދާޅުވީ ކަރަންޓް ޔުނިޓެއްގެ އަސްލު އަގަކީ ހަ ރުފިޔާ ކަމަށް ވިއަސް، ރައްޔިތުންގެ އަތުން ކަރަންޓަށް މިހާރު ނަގަމުން އަންނަނީ 3.50ރ. ކަމަށެވެ. އަދި އަކީ އިންޖީނުގެ ހިންގުމަށް ދަތިވާވަރުގެ އަގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ވުމުގެ ސަބަބުން ކަރަށްޓަށް ގެންނަށް ނިންމާފައިވާ ބަދަލުތަކުގެ ތަފްސީލް ލިއުން މި މަހުން ފެށިގެން ހުރިހާ ގެއަކަށް ވެސް ހަވާލުކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކަރަންޓް ޔުނިޓަކަށް ހަ ރުފިޔާ، ހަތް ރުފިޔާ ނަގަން ނިންމާފައި އޮތް ނަމަވެސް ރައްޔިތުން އަތުން އަޅުގަނޑުމެން ނަގަމުން މިދަނީ ޔުނިޓަކަށް 3.50ރ. އެއަދަދަށް ފައިސާ މިނަގަނީ ވަރަށް ބޮޑު ޑިސްކައުންޓަކާ އެކު. މިހާރު ޑީސަލްގެ އަގުހުރި ގޮތުން ތިން ޖަނަރޭޓަރު ހިންގަން ޖެހޭތީ މިހާރު މިނަގާ އަގުން ދެކޮޅު ނުޖެހެނީ." ޝަރީފް ވިދާޅުވި އެވެ.
ކަރަންޓްގެ އަގު ބޮޑުވެގެން މުޒާހަރާއެއް ކުރަން ޖެހޭ އެއްވެސް ހައިސިއްޔަތެއް މުޒާހަރާކުރާ ފަރާތްތަކަށްލިބިގެން ނުވާކަމަށާއި އެއީ މިދިޔަ މަހުގެ ކަރަންޓް ބިލާ އެކު މި މަހުން ފެށިގެން ކަރަންޓްގެ އަގު ބޮޑުކުރަން ނިންމާފައިވާ ގޮތުގެ ތަފްސީލް ބަޔާންކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ފޮނަދޫން ވާހަކަ ދެއްކި އެހެން މީހަކު ވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ބުނެފައިވެ އެވެ.

"މުޒާހަރާ ކުރުމުގެ އެއްވެސް ހައިސިއްޔަތެއް އެމީހުންނަކަށް ލިބިގެނެއްނުވޭ. އެއީ މިދިޔަ މަހުގެ ކަރަންޓް ބިލާ އެކު، މިމަހުން ފެށިގެން ކަރަންޓްގެ އަގު ބޮޑުކުރަން ނިންމި ގޮތުގެ ތަފްސީލް ކޮންމެ ގެއަކަށް ވެސް އެބައޮތް ފޮނުވާފައި. އެހެންވެ އެމީހުން މުޒާހަރާ ކުރަން ޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކެން." ނަންނުޖެހުމަށް ޝަރުތުކޮށް ފޮނަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފޮނަދޫ ބައެއް މީހުން ބުނީ ރަށުގެ ކަރަންޓްގެ ޚިދުމަތާ މެދު ފޮނަދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރަށު ކައުންސިލުން މީގެ ދެ މަސް ދުވަސް ކުރިން ގޭގެ އަށް ފޯމްތަކެއް ބަހާފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން އެދޭގޮތާ ޚިލާފަށް ގިނަ ރައްޔިތުން ޚިޔާލު ހުށައަޅުމުން އެ ފޯމުތަކުގައި ޤާނޫނީ މައްސަލަތަކެއް ހުރިކަމަށް ބުނެ ފޯމުތައް ބާތިލުކޮށްފައިވާ ކަމަށް އެ މީހުން ބުންޏެވެ.

"މިރަށުގައި އޮންނަނީ ސަތޭކަ ޕަސެންޓް ޑީއާރުޕީ ކައުންސިލެއް. އެކަމަކު މި މުޒާހަރާއަކީ ވަކި ޕާޓީއެއްގެ ބަޔަކު ބޮލުގައި ކަމެއްގެ ޒިންމާ އަޅުވަން ބާއްވާ މުޒާހަރާއެއް ނޫން. މިކަމުގެ ސަބަބުން ލާބަޔާއި މަންފާ ކުރާނީ ފޮނަދޫގެ ރައްޔިތުންނަށް." ފޮނަދޫން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

މުޒާހަރާ މީހުން ބުނީ މިއީ ސިޔާސީ ކުލަޖެހި ނުވަތަ ވަކި ޕާޓީ އެއްގެ ބަޔަކު ކުރާ މުޒާހަރާއެއް ނޫން ކަމަށާއި ރައްޔިތުންގެ ހެވާއި ލާބައަށް ޓަކައި ރަށުގެ ޒުވާނުން އިސްނަގައިގެން ރައްޔިތުންނާ ގުޅިގެން ކުރާ މުޒާހަރާއެއް ކަމަށެވެ.