ކްލަބު ގްރީން ސްޓްރީޓްސްއަށް ވޭތުވެދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި، ޔޫކުރެއިންގެ ޒުވާން މިޑްފީލްޑަރު ސޮބުލް އިލިއާ އާއި އެޓީމުގެ ގޯލު ބެލެހެއްޓި ޖަޕާންގެ ޖުން ކޮޗީ އަންނަ ސީޒަންގައިވެސް ޓީމުން ފެންނާނެ ކަމަށް ގުރީންގެ ރައީސް އަހުމަދު ޝަޒީން ވިދާޅުވެއްޖެއެވެ.

ޝަޒީން ވިދާޅުވީ، ގްރީންގެ އައު ކޯޗު، އަލީ ސުޒޭންއާއެކު މިހާރު ކުރިއަށްގެންދާ މަސައްކަތަކީ އަންނަ ސީޒަނަށް ސްކޮޑު އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ސުޒޭން ބޭނުންވާ ގިނަ ދިވެހި ކުޅުންތެރިންތަކެއް މިހާރު ގްރީން ސްޓްރީޓްސްއަށް ގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި އިތުރު ދެ ކުޅުންތެރިއަކާ ވާހަކަދައްކަމުންދާ ކަމަށްވެސް ޝަޒީން ވިދާޅުވިއެވެ.

ޝަޒީން ވިދާޅުވީ، މިހާރު ވާހަކަދައްކަމުންދާ ކުޅުންތެރިންނާއެކު ލޯކަލް ފަސް ވަރަކަށް ކުޅުންތެރިން އަލަށް މި ސީޒަނަށް ޓީމާ ގުޅޭނެ ކަމަށެވެ.

ވޭދުވެދިޔަ ސީޒަންގައި ވެސް ގުރީން ސްޓްރީޓްސް ފެނިގެންދިޔައީ ވަރުގަދަ ބިދޭސީ ކުޅުންތެރިންތަކަކާ އެކީގައެވެ. އެގޮތުން އެޓީމަށް ކުޅުނު އިލިއާ އާއި ކީޕަރު ކޮޗީ ވެސް ވަނީ ފާހަގަކުރެވޭ ކުޅުމެއް ދައްކައިފައެވެ. މި ދެ ކުޅުންތެރިން މި ސީޒަންގައި ވެސް ފެންނާނެ ކަމަށް ވިދާޅުވަމުން ޝަޒީން އިތުރަށް ވިދާޅުވީ، ދެން ގެންނާނީ ޔޫކުރެއިންގެ ފޯވާޑެއްގެ އިތުރުން ޑިފެންޑަރެއް ކަމަށެވެ.

"ބިދޭސީ ކުޅުންތެރިންގެ ޓްރާންސްފާތައް މިހާރު ވަނީ ފައިނަލްވެފަ. އިލިއާ އަދި ކޮޗީ މި ސީޒަނަށްވެސް އަންނާނެ. އޭގެ އިތުރުން މި ގެންނަނީ ޔޫކުރެއިންގެ ޑިފެންޑަރަކާއި ސްޓްރައިކަރެއް،" ޝަޒީން ވިދާޅުވިއެވެ.

ޝަޒީން ވިދާޅުވީ، މިމަހު ފަހުކޮޅު ޓީމުގެ ފަރިތަކުރުންތައް ފަށާނެ ކަމަށާއި ފަރިތަކުރުންތައް ފަށާނީ ބިދޭސީ ކުޅުންތެރިންނާވެސް އެކުގައި ކަމަށެވެ.

ގްރީންގެ މެދުތެރެއިން މޮޅު ކުޅުމެއް ދެއްކި، އިލިއާ ވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކޮށްފައެވެ. އަދި ކޮޗީ ވަނީ އެންމެ މޮޅު ކީޕަރުގެ މަގާމަށް ވާދަކޮށްފައެވެ.

ވޭތުވެދިޔަ ސީޒަންގައި އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ގްރީނުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިފައެވެ. އަދި މިސީޒަންގައި އެޓީމު ނުކުންނާނީ ފުރަތަމަ ޑިވިޝަންގެ ތަށްޓެއް ހޯދުމުގެ ޓާގެޓާއެކުއެވެ.