އަންނަ ސީޒަންގައި ކްލަބު ގުރީން ސުޓްރީޓްސްއިން ނުކުންނާނީ ތަށްޓަކަށް އަމާޒުކޮށްގެން ކަމަށް އެ ކްލަބުގެ ރައީސް އަހުމަދު ޝަޒީން ވިދާޅުވެއްޖެއެވެ.

'ސަން'އާ ވާހަކަދައްކަމުން ޝަޒީން ވިދާޅުވީ، ގުރީންއަކީ ޅަ ކުލަބެއް ނަމަވެސް، އަންނަ ސީޒަނަށް ނުކުންނާނީ ތަށްޓެއް ހޯދުމަށް ކަމަށެވެ. އަދި ޓީމުގެ ކޯޗުކަމާ ކުރިއަށްއޮތް ސީޒަނަށް ހަވާލުވި، އަލީ ސުޒޭންއާއެކު ޓީމަށް އެ ޓާގެޓް ހާސިލްވާނެ ކަމަށް ވެސް ޝަޒީން ފާހަގަަކުރިއެވެ.

"ތަށްޓެއް ނެގުން ޓާގެޓަކީ. ޓީމަށް ހަވާލުވި ކޯޗު، ސުޒޭންއާއެކު އެކަން ހާސިލްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ޝަޒީން ވިދާޅުވިއެވެ.

ޝަޒީން ވިދާޅުވީ، އަންނަ ސީޒަނަށް ގުރީނުން ވަރަށް ރަނގަޅަށް ތައްޔާރުވަމުންދާ ކަމަށާއި ޓީމުގެ ފަރިތަކުރުންތައް މިމަހުގެ ފަހުކޮޅުގައި ފަށަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ ސުޒޭން ބޭނުން ކުޅުންތެރިން ޓީމަށް ގެނައުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސުޒޭން ބޭނުންވާ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މިހާރުވަނީ އެއްބަސްވުމަކަށް އާދެވިފައި، ދެ ކުޅުންތެރިއަކާއެކު އަދިވެސް ވާހަކަ ދެކެވެމުން މިދަނީ، އެއްބަސްވުމަކަށް އައުމުން ހުރިހާ ކުޅުންތެރިން އެއްކޮށް ސޮއިކުރާނެ،" ޝަޒީން ފާހަގަކުރެއްވިއެވެ.

ޝަޒީން ވިދާޅުވި ގޮތުގައި، ލޯކަލް ފަސްވަރަކަށް ކުޅުންތެރިން އަދި ޓީމާ ގުޅޭނެއެވެ. ޝަޒީން އެހެން ވިދާޅުވެފައިވާ އިރު، ގުރީނަށް ވޭތުވެދިޔަ ސީޒަންގައި ކުޅުނު މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ނިޒާމް (ނިޒާމްބެ)ގެ އިތުރުން އަހުމަދު ހަސަން (އައްމަޑޭ) ވަނީ އަންނަ ސީޒަންގައި މާޒިޔާއަށް ކުޅުމަށް އެއްބަސްވެފައެވެ.

ވޭތުވެދިޔަ ސީޒަންގައި އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ގުރީނުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން މާލޭ ލީގުގެ ދެވަނަ ހޯދައި ދިވެހި ޕްރިމިއާ ލީގުގައި ވާދަކޮށް، ގުރީނުން ސީޒަން ނިންމާލީ ޕްރިމިއާ ލީގުގެ ފަސްވަނައިގައެވެ. އަދި އެފްއޭ ކަޕުން ގުރީން ކެޓީ ސެމީ ފައިނަލްގައި އެ މުބާރާތުގެ ޗެމްޕިއަން ނިއުރޭޑިއަންޓް އަތުން ބަލިވެގެންނެވެ.

ގުރީން ސުޓްރީޓްސްއާ ހަވާލުވި ކޯޗު، އަލީ ސުޒޭންއަކީ ރާއްޖޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކޯޗެކެވެ. އެގޮތުން ސުޒޭން ވަނީ މާޒިޔާއާއި ވިކްޓަރީގެ ކޯޗުގެ ގޮތުގައި ވެސް ފެނިގެންގޮސްފައެވެ. މާޒިޔާގެ ކޯޗުކަމުގެ މަގާމު 2013 ވަނަ އަހަރުން ފެށިގެން 2016ގެ ނިޔަލަށް ހޭދަކުރި ސުޒޭން ވަނީ އެ ކްލަބަށް ދިވެހި ޕްރިމިއާ ލީގު 2016 އާއި ޕްރެޒިޑެންޓްސް ކަޕް 2015 އާއި ޗެރިޓީ ޝީލްޑް 2015 އަދި އެފްއޭ ކަޕް 2014 ހޯދައިދީފައެވެ.