04 Jan 2018, 10:39
ފެނުމުން މަހުރޫމްވެފައި ތިބި ކުދިންނަށް ހާއްސަ ޤުރުއާން ކުލާސްތަކެއް ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ހާއްސަ ކޮށްގެން އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހްސަން ވިދާޅުވީ، ފެނުމުން މަހުރޫމް ވެފައި ތިބި ކުދިންނަށް ފަށަން ނިންމާފައިވާ ޤުރުއާން ކުލާސްތަކެއް ފެށުމުގެ ކުރިން އެކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުން ތަމްރީން ކުރާނެ ކަމަށެވެ.
މެލޭޝިއާގެ މުއައްސަސާތަކާ ގުޅިގެން ފަށާ ތަމްރީންތަކުގެ ފުރަތަމަ ބުރު ރާއްޖޭގައި ބާއްވާއިރު ދެވަނަ ބުރު އޮންނާނީ މެލޭޝިއާގަ އެވެ. އަދި އެ ތަމްރީންތައް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އަހުސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފެނުމުން މަހުރޫމް ވެފައި ތިބި ކުދިންނަށް ޤުރުއާން ދަސްކޮށްދިނުމަށް ހިންގާ އެ ޕްރޮގްރާމް އަތޮޅު ތެރެއަށް ވެސް ފުޅާ ކުރުމުގެ ވިސްނުން މިނިސްޓްރީގައި އެބަހުރި ކަމަށެވެ.
އެގޮތުން، ހަތަރު އަތޮޅެއްގައި ހުންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކުގައި ގާއިމް ކޮށްފައިވާ ކޮންފަރެންސް ސިސްޓަމް މެދުވެރިކޮށް އެތަންތަނުގެ ޓީޗަރުން ވެސް އެ ޕްރޮގްރާމަށް ތަމްރީން ކުރަން ނިންމާފައިވާ ކަމަށް އަހުސަން ވިދާޅުވި އެވެ.
ނަމަވެސް އެ މަސައްކަތް ފެށޭނީ ކޮންއިރަކު ކަމެއް ވިދާޅުވުމަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.