ނިއުދިއްލީ (04 ޖެނުއަރީ):ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން އެއް އަޖައިބުގެ ގޮތުގައި ކަނޑައަޅައިފައިވާ ތާޖް މަހަލް ހިމާޔަތްކުރުމުގެ ގޮތުން އެ ބިނާ އަށް ވަދެވޭ އިންޑިއާ މީހުންގެ އަދަދު ދުވާލަކަށް 40،000 އަށް ކަނޑައަޅަން އިންޑިއާ އިން ނިންމައިފި އެވެ.

ސަތާރަ ވަނަ ގަރުނުގައި އިންޑިއާގައި ވެރިކަންކުރެއްވި މުގަލް ރަސްކަލެއްކަމަށް ކަމަށް ޝާހް ޖަހާން އޭނާގެ އަންހެނުންގެ ހަނދާނުގައި ބިނާކުރެއްވި ތާޖް މަހަލް ބާލަލުމަށް އިންޑިއާގެ އެތަކެއް މިލިއަން ރައްޔިތުން ކޮންމެ އަހަރަކު ވެސް އެ ބިނާ އަށް ޒިޔާރަތްކުރެ އެވެ.

އިންޑިއާގެ ދަތުރުފަތުރު ނިޒާމް މިހާރު ފަސޭހަވުމުގެ ސަބަބުން އެ ބިނާ އަށް ދަތުރުކުރާ އިންޑިއާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އެހާ ގިނަބަޔަކު ތާޖް މަހަލްއަށް އަށް ޒިޔާރަތްކުރުމުގެ ސަބަބުން އެ ބިނާގެ މަހާނާގައި ހުންނަ ހުދު މާބަލްތަކަށް ގެއްލުން ލިބުނުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނަ ކަމަށް މާހިރުން ދަނީ ބުނަމުންނެވެ. މިހާރު ވެސް އެ ހުދު މާބަލްތައް ރަތްވުން ހުއްޓުވުމުގެ ގޮތުން ދަނީ ގަވައިދުން އެތަން ސާފުކުރަމުންނެވެ.

އާކިއޮލޮޖީ ސާވޭ އޮފް އިންޑިއާ (އޭއެސްއައި)ގެ އޮފިޝަލެއް އޭއެފްޕީއަށް ވިދާޅުވީ އިންޑިއާ އިން ތާޖް މަަހަލް ހިމާޔަތްކުރުމުގެ އިތުރުން އެ ތަނަށް ވަންނަ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރަން ވެސް ޖެހޭ ކަމަށެވެ. އަދި އެހާ ބައިވަރު މީހުން އެތަނަނަށް ވަނުމުން މީހުން ކޮންޓްރޯލް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އޭއެސްއައިން މީގެ ކުރިން ވެސް ވަނީ ތާޖްމަހަލްއަށް ވަދެވޭ މީހުންގެ އަދަދު މަދު ކުރުމަށް ބާރު އަޅައިފަ އެވެ.

މިދިޔަ ހަފުތާގައި އެބިނާއަށް ޒިޔާރަތްކުރި މީހުން ގިނަވެ ފިތި ބާރުވުމުގެ ސަބަބުން ފަސް މީހުންނަށް އަނިޔާވެފައިވާތީވެ، އޭއެސްއައިން ވަނީ އެ ބިނާ އަށް ވަދެވޭ މީހުންގެ އަދަދު މަދުކުރުމަށް އިތުރަށް މަސައްކަތް ފަށައިފަ އެވެ.

ތާޖްމަހަލްއަށް ވަދެވޭ އިންޑިއާގެ މީހުންގެ އަދަދު މަދުކުރިޔަސް އެ ބިނާއަށް ޒިޔާރަތްކުރާ އެހެނިހެން ގައުމުތަކުގެ މީހުން މަދުކުރުމަށް ހަމަޖެހިފައެއް ނުވެ އެވެ.

ތާޖް މަހަލްއަށް ވަނުމަށް އިންޑިއާގެ ރައްޔިތުންގެ އަތުން މިހާރު ނަގަނީ 40 ރުޕީސް އެވެ. ނަމަވެސް ބޭރު މީހުންނަށް އެތަނަށް ވަދެވެނީ 1000 ރުޕީސް ދައްކައިގެންނެވެ.

އާ ގަވާއިދާ އެކު ބޭރު މީހުން ދައްކާވަރަށް ލާރި ދައްކައިގެން ކިތަންމެ ގިނަ އިންޑިއާ ރައްޔިތުންނަށް ވެސް އެ ބިނާ އަށް ވަނުމުގެ ފުުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ.

މަސްދަރު : ޓައިމްސް އޮފް އިންޑިއާ