04 Jan 2018, 10:19
ތެހެރާން (ޖެނުއަރީ 4): އީރާނުގެ "ސަރުކާރު ވައްޓާލަން ކުރި މުޒަހަރާތައް" ނިމިއްޖެ ކަމަށް އެގައުމުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ވެރިޔާ މުހައްމަދު އަލް ޖަފާރީ ވިދާޅުވެއްޖެ އެވެ.
ޖަފާރީ ވިދާޅުވި ގޮތުގައި ގައުމުގެ "ދުޝްމަނުން" ކުރިއަށް ގެންދިޔަ އެ މުޒާހަރާތައް ހުއްޓުވުމަށް ރިވޮލިއުޝަނަރީ ގާޑުން ވަނީ ތިން ޕްރޮވިންސެއްގައި ހަރަކާތްތެރިވެފަ އެވެ. އަދި އޭގެއިން ކޮންމެ ސަރަހައްދަކުން ވެސް މުޒާހަރާގައި ބައިވެރިވެފައި ވަނީ ގިނަވެގެން 1،500 މީހުން ކަމަށާއި މުޅި ގައުމުން މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު 15،000 އަށް ނާރާނެ ކަމަށް ޖަފާރީ ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށުނު އެމުޒާހަރާތަކުގައި ބައިވެރިވި 530 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފަ އެވެ. އަދި އެމީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޖަފާރީ ވިދާޅުވި އެވެ.
އީރާނުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު މަޝްހަދުގައި ފެށި އެ މުޒާހަރާތަކުގައި 21 މީހަކު ވަނީ މަރުވެފަ އެވެ. އެމުޒާހަރާގެ ބައިވެރިން ފުރަތަމަ ނުރުހުން ފާޅުކޮށްފައި ވަނީ ތަކެތީގެ އަގު އުފުލި އިގުތިސާދު ހީނަރުވަމުންދާތީ އެވެ. ނަމަވެސް ފަހުން މުޒާހަރާތައް ފުޅާވެ، ގިނަ އަދަދެއްގެ މީހުން ވަނީ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އާއި ރައީސް ހަސަން ރޫހާނީއާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.
އެމުޒާހަރާތަކަށް ފަހު އިއްޔެ އީރާނުގެ ގިނަ އަދަދެއްގެ މީހުން ވަނީ ސަރުކާރަށް ތާއިދުކޮށް އެއްވުންތައް ބާއްވައިފަ އެވެ. އެމީހުން ވަނީ އެމެރިކާ އާއި އިސްރާއީލާއި ސައުދީ އަރަބިއާއާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ. (އަލްޖަޒީރާ)