04 Jan 2018, 09:59
ފަހު ވަގުތު ހެކްޓާ ބެލަރިން ޖެހި ގޯލާއެކު އާސެނަލާއި ޗެލްސީގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިގަދަ "ލަންޑަން ޑާބީ" ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައިވާ އިރު، އާސެނަލްގެ ކީޕަރު ޕީޓާ ޗެކް އަދި ޗެލްސީގެ ކީޕަރު ތިބައުޓް ކޯޓުވާ ވެސް ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މެޗުގައި ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭނާއަށް ވަނީ އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތް ވަނީ ނުވެފައެވެ. މެޗުގެ ކުރީކޮޅުވެސް މޮރާޓާއަށް ވަނީ ގޯލް ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. އެގޮތުން އާސެނަލްގެ ޑިފެންސް ފޫއަޅުވާލާ މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ މޮރާޓާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތި ދަނޑިކައިރިން ބޭރަށެވެ. މީގެ އިތުރުން އާސެނަލް ޕެނަލްޓީ އޭރިއާގެ އަރިމަތިން ވިކްޓާ މޮސަސް ހުރަސްކުރި ބޯޅަ ކުރިއަށް ފޮނުވާލަން ލިބުނު ނަމަވެސް، މޮރާޓާ ފޮނުވާލި ހަމަލާ މަޑުމަޑުން ދިޔައީ ކީޕަރު ޗެކްއާ ދިމާލަށެވެ.
ޗެލްސީން ވަނީ އިތުރު ހަމަލާތަކެއް ވެސް ފުރަތަމަ ހާފުގައި އުފައްދައިފައެވެ. އެގޮތުން އެޑެން ހަޒާޑާއި ޓިމޯ ބަކަޔޯކޯ ފޮނުވާލި ހަމަލާގެެ ހުރަހަކަށްވީ ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި އާސެނަލްގެ ކީޕަރު ޗެކްއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން ވެސް ވަނީ ރަނގަޅު ހަމަލާތަކެއް ފެނިފައެވެ. އެގޮތުން އެލެކްސިސް ސަންޗޭޒްއާއި އެލެކްސެންޑުރާ ލަކަޒެޓް ފޮނުވާލި ބާރު ދެ ހަމަލާ ވެސް ޗެލްސީގެ ކީޕަރު ކޯޓުވާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި މެސުޓް އޮޒިލްގެ ބާރު ހަމަލާދިޔައީ އަރިމަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ގޯލް ދެވަނަ ހާފުގައި ކާމިޔާބުކުރީ އާސެނަލްއިންނެވެ. ރީތި ޕާސްތަކަކަށްފަހު 63 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ އިނގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެއާއެވެ. ނަމަވެސް އާސެނަލަށް ލީޑު ހިފެހެއްޓުނީ އެންމެ ހަތަރު މިނެޓަށެވެ. އާސެނަލްގެ އޭރިއާ ތެރެއިން ހަޒާޑަށް ބެލަރިން ކުރި ފައުލާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ޗެލްސީން ނަތީޖާ ހަމަހަމަކުރިއެވެ. ޗެލްސީއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ ހަޒާޑެވެ.
ޗެލްސީން ފަހަތުންއަރާ މެޗުގެ ލީޑު ނެގީ 83 ވަނަ މިނެޓުގައެވެ. ޒަޕަކޯސްޓާގެ ހުރަހަށް، އާސެނަލްގެ އޭރިއާ ތެރެއަށް ވަދެ ޗެލްސީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކޮސް އެލޮންސޯއެވެ. ލީޑާއެކު ޗެލްސީން ހަމަޖެހިލި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ބެލަރިން ޖެހި ގޯލާއެކު އާސެނަލްއިން ވަނީ މެޗުން ޕޮއިންޓެއް ކަށަވަރުކޮށްފައެވެ.
ބެލަރިންގެ ގޯލަށް ފަހުވެސް ޗެލްސީން ވަނީ ދެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. އެގޮތުން އާސެނަލްގެ އޭރިއާ ބޭރުން ޒަޕަކޮސްޓާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ދަނޑިއަށް އަމާޒުވި އިރު، މެޗު ނިމެން ދަނިކޮށް މޮރާޓާއަށް ލިބުނު ހުސް ފުރުސަތެއް އޭނާވަނީ ނަގާލައިފައެވެ.
މެޗުން އެއްވަރުވެ 22 މެޗުން 46 ޕޮއިންޓާއެކު ޗެލްސީ އޮތީ އިނގިރޭސި ލީގު ތާވަލުގެ ތިންވަނައިގައެވެ. އާސެނަލް އޮތީ 39 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.