މަޝްހޫރު ސެލެބްރިޓީންގެ ތެރެއިން ބައެއް ސެލެބްރިޓީން ފާހަގަ ކުރެވެނީ އެމީހުންގެ ފޭނުންނަށް ވަރަށް ހެޔޮ ބައެއްގެ ގޮތުގަ އެވެ. ފޭނުންގެ ތެރެއިން އެހީއަށް ބޭނުންވާ މީހުންނަށް ބޮޑެތި އެހީތައް ފޯރުކޮށްދޭ ސެލެބްރިޓީން ވެސް އެބަ ތިއްބެވެ.

ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ވަދީ ދާދިފަހުން އޭނާގެ ސަޕޯޓަރަކަށް ގެއެއް ގަނެދީފަ އެވެ. ޓޭލާ ސްވިފްޓް މެންޗެސްޓާގައި ދިން ޝޯއެއްގެ ތެރެއިން އޭނާގެ ފޭނެއް ކަމަށްވާ ސްޓެފަނީ އަށް ލިބުނީ ސަޕްރައިޒެކެވެ. ސްޓެފެނީގެ ފޭވަރިޓް ލަވަކިޔުންތެރިޔާ ޓޭލާ އޭނާ އަށް ހަދިޔާ އަކަށް ގެއެއް ގަނެދިނީ އެވެ.

ސްޓެފަނީ އަކީ ގެދޮރު ނެތް މީހެއްގެ އިތުރުން އޭނާ އަކީ މާބަނޑު މީހެއް ވެސް މެ އެވެ. އޭނާގެ ބަނޑަށް މިހާރު އަށް މަހެވެ.

ޓޭލާ ސްވިފްޓްގެ އެޕްލިކޭޝަން "ދަ ސްވިފްޓް ލައިފް އެޕް"ގައި ސްޓެފަނީ ބުނެފައި ވަނީ އޭނާގެ ބަނޑަށް އަށް މަސްވީ އިރު ދިމާވި ބައެއް ކަންތަކުގެ ސަބަބުން އޭނާ އަކީ ބޯހިޔާވަހިކަމެއް ނެތް މީހެއް ކަމަށެވެ.

"އަހަރެންގެ މަންމަ ޓޭލާ އަށް އެޕްރޯޗްކޮށް އޭނާ ކައިރީ ބުނީ. ޓެލާ އަހަންނާ ބައްދަލުކޮށް ބުނީ އެހީ ދޭނެ ކަމަށް،"

ޓޭލާ ވަނީ ސްޓެފަނީ އަށް ގެއެއް ގަނެދީ އޭނާގެ ދަރިފުޅަށް ބޭނުންވާނެ ސާމާނު ވެސް ގަނެދީފަ އެވެ.

ޓޭލާ ސްވިފްޓަކީ އޭނާގެ ފޭނުންނަށް ތަފާތު އެހީތައް ދެމުން އަންނަ ފަންނާނެކެވެ. އެގޮތުން ފޭނުންގެ ސްޓޫޑެންޓް ލޯން އަދާކޮށްދިނުމާއި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް މާލީ އެހީ ދިނުން ފަދަ ކަންތައް އޭނާ ކުރެ އެވެ.