ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބައްތީ ގުލް މީޓަރު ޗާލޫ"ގެ އަންހެން ލީޑަކީ ކުޅަދާނަ ބަތަލާ ޝްރައްދާ ކަޕޫރު ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.

ކުރިން އެ ރޯލަށް ވާނީ ކަޕޫރު ހަމަޖެއްސި ކަމުގައިވީ ނަމަވެސް މިހާރު އެ ރޯލު ވަނީ ޝްރައްދާ އަށް ލިބިފަ އެވެ. އަދި އޭނާ ވަނީ އެ ފިލްމު ކުޅެން އެއްބަސްވެސް ވެފަ އެވެ.

މީގެ ކުރިން ބަތަލާ ކެޓްރީނާ ކައިފް ވެސް ފިލްމުން ފެންނަ ކަމަށް ބޭރުގެ ހަބަރުތައް ބުނެފައިވާ އިރު ޝާހިދު ވަނީ ފިލްމުގެ އަންހެން ލީޑު ހަމަނުޖައްސާ ކަމަށް އޭރު ބުނެފަ އެވެ.

ނަމަވެސް މިހާރު ފިލްމްގެ އަންހެން ލީޑް ފައިނަލް ވެފައިވާއިރު ފިލްމުގެ ޝޫޓިންގް އަންނަ ފެބްރުއަރީ މަހު ފެނިގެން ދާއިރު ޝާހިދު އަދާ ކުރާ ރޯލަކީ ގާނޫނީ ވަކީލެއްގެ ރޯލެވެ. އަދި ޝްރަދާ ކުޅޭނީ އޭނާގެ ލޯބިވެރިޔާގެ ރޯލެވެ.

ޝްރީ ނާރަޔަން ޑައިރެކްޓު ކުރާ 'ބައްތީ ގުލް މީޓަރު ޗާލޫ' އަކީ އިންޑިއާގައި ބޮޑުވެފައިވާ ކަރަންޓުގެ މައްސަލައަށް އަލިއަޅުވާލައި އުފައްދާ ފިލްމެކެވެ.

މި ފިލްމަކީ ޝްރައްދާ އަދި ޝާހިދު އެއްކޮށް ފެނިގެންދާ ދެ ވަނަ ފިލްމެވެ.

ޓީސީރީޒް އަދި ކޭއާރްއައިއާރްޖޭ ގުޅިގެން ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު އެވެ.