ދިވެހި ސަފާރީ އުޅަނދެއްގައި ބ. އަތޮޅު އޮޅުގިރި ބޭރުގައި ރާޅާއަޅަން ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ބ. އަތޮޅު ހިތާދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހު ހިނގި ހާދިސާގައި އޮސްޓްރޭލިއާގެ ޓޫރިސްޓަކު މަރުވެގެން އެ ރަށު ސިއްހީ މަރުކަޒަށް ރިޕޯޓް ކުރީ އެ ދުވަހު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

އެކަން ވަނީ ފުލުސް އޮފީހާއި ހިތާދޫ ސިއްހީ މަރުކަޒުން ވެސް ކަށަވަރުކޮށްދީފަ އެވެ.

ހިތާދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އެ ޓޫރިސްޓް މީހާގެ ބޮލުގައި ޒަހަމެއް ހުރި ކަމަށާއި އަދި އަތް ވެސް މަށައިގެން ގޮސްފައިވާ ކަމަށެވެ. ސަފާރީ އުޅަނދުގެ ފަޅުވެރިންނާ ހަވާލާދީ އޭނާ ވިދާޅުވީ އެ ދުވަހަކީ ރާޅު އާދަޔާހިލާފަށް ބޮޑު ދުވަހެއް ކަމަށާއި ލަފާކުރެވެނީ ރާޅާއެޅުމުގެ ތެރޭގައި އޭނާގެ ބޮލުގައި ގަލަކުން ޖެހިފައިވާ ކަމަށެވެ.

ގާތްގަނޑަކަށް މެދުއުމުރުގެ އެމީހާ ރާޅާއަޅަން ދިޔައީ "މިއުޓިލަސް" ކިޔާ ސަފާރީ އުޅަނދެއްގަ އެވެ. އެ އުޅަނދުގެ ފަޅުވެރިޔަކު މިއަދު ބުނީ މަރުވި މީހާއާ އެކު އެ ދުވަހު އިތުރު ދެ މީހަކު ރާޅާއަޅަން އެރުނު ކަމަށާއި އޭނާ މަރުވިކަން އެނގުނީ އަނެއް ދެ މީހުން ރިޕޯޓް ކުރުމުން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި މަރުވި މީހާގެ ހަށިގަނޑު އެމީހާގެ އާއިލާ އާއި އަދި އޮސްޓްރޭލިއަން ކޮންސިއުލޭޓާ ގުޅިގެން އޮސްޓްރޭލިއާ ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.