04 Jan 2018, 08:58
މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީއާއި އޭނާގެ ލޯބިވެރިޔާ، އިނގިރޭސި މަޝްހޫރު ފިލްމީ ތަރި އޯލެންޑޯ ބްލޫމް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.
"ދަ ލޯޑް އޮފް ދަ ރިންގްސް"، "ޕައިރެޓްސް އޮފް ދަ ކެރިބިއަން" އަދި "ހޮބިޓް" ފަދަ މަޝްހޫރު ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ތަރި އޯލެންޑޯ ބްލޫމް އޭނާގެ އިންސްޓަގްރާމްގައި، ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ވަނީ އާންމުކޮށްފައެވެ.
ލަވަކިޔުންތެރިޔާ ކޭޓީ ޕެރީގެ ސޯޝަލް މީޑިއާއަކުން އޭނާ ރާއްޖެ އައިސް އުޅޭކަމުގެ އެއްވެސް އަސަރެއް މިހާތަނަށް ފެނިފައި ނުވި ނަމަވެސް، "ސަން"އަށް ކަށަވަރުކޮށް އެނގިފައިވާ ގޮތުގައި، އޯލެންޑޯއާއެކު ކޭޓީވެސް ވަނީ ރާއްޖެ އައިސްފައެވެ.
ދެ ތަރިން ރާއްޖޭގައި ތިބީ ބ. އަތޮޅު އަމިއްލަފުށި ރިސޯޓުގައެވެ. އަދި ބައެއް އެހެން ރިސޯޓުތަކަށްވެސް ދެ ތަރިން ވަނީ ޒިޔާރަތްކޮށްފައެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޭޓީ ޕެރީއާއި އޯލެންޑޯ ބްލޫމް އިއްޔެގެ ވަގުތެއްގައި ވަނީ ރާއްޖެއިން ފުރައިފައެވެ.