ޝާހްރުކްހާންގެ ޑްވާފް ފިލްމަށް 'ޒީރޯ'ގެ ނަމުން ދާދި ފަހުން ނަން ދީފައިވާ އިރު އެ ފިލްމުގައި އޭނާ އަދާ ކުރާ ރޯލަކީ 'ކުޑަ' މީހެއްގެ ރޯލެއް ކަމަށް އޭނާ ބުނެފި އެވެ.

ޝާހްރުކްގެ އިތުރުން އަނުޝްކާ ޝަރުމާ އަދި ކެޓްރީނާ ކެއިފް ފެނިގެންދާ އެ ފިލްމުގައި ޝާހު އަދާ ކުރާ ރޯލަކީ އިސްކޮޅުން ކުޑަ މީހެއްގެ ރޯލެވެ.

ޝާހްރުކް ބުނީ ފިލްމަށް ކިޔާ ނަން މީގެ ދެއަހަރު ކުރިން ނިންމާފައިވީ ނަމަވެސް އިއުލާން ކުރަން ލަސްވީ މުހިއްމު ސަބަބުތަކާ ހެދި ކަމަށެވެ.

ވިޝުއަލް އެފެކްޓްސް ވަރަށް ގިނައިން ބޭނުންކޮށްފައިވާ ފިލްމަށް ވަރަށް ގިނަ ފައިސާ ހަރަދުވި ކަމަށާއި ދުވަހަކު ވެސް ނުކުޅޭ ކަހަލަ ރޯލެއް ކުޅެން ޖެހުމުގެ ސަބަބުން ވަރަށް ގިނަ ވަގުތު ނެގި ކަމަށް އޭނާ ބުންޏެވެ.

ޑައިރެކްޓަރު އާނަންދް އެލްރާއީގެ އެ ފިލްމް ވެގެންދާނީ މޮޅު ފިލްމަކަށްކަމަށް އޭނާ ބުންޏެވެ.

"މިއީ މުޅިން ތަފާތު ފިލްމެއް. ސަޅި އެކްސްޕީރިއެންސްއެއް މިއީ. ވަރަށް ވަގުތު ނެގި ފިލްމެއް މިއީ. އެކަމަކު ބެލުންތެރިން މާޔޫސްކޮށެއް ނުލާނެ މި ފިލްމުންނެއް. ވަރުގަދަ ތަފާތު ފިލްމެއް މިއީ،" އޭނާ ބުންޏެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުން ޝާހްރުކް ޑްވާފް މީހެއްގެ ގޮތުގައި ފެނިގެންދާއިރު، އޭނާ ޑަބަލް ރޯލަކުން ފިލްމުގައި ފެނިގެންދާނެ އެވެ. އަދި ކެޓްރީނާ އާއި އަނުޝްކާ ފެނިގެންދާނީ އޭނާގެ ލޯބިވެރިންގެ ރޯލުންނެވެ.

ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ 'ޒީރޯ' ސިނަމާތަކަށް އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އަންނަ އިރު ބެލުންތެރިން ތިބީ ޝާހްރުކްގެ އާ ކެރެކްޓާ ބަލާ ހިތުން ކެތްމަދުވެފަ އެވެ.