03 Jan 2018, 20:46
ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ހުތުބާ ކިޔަވަމުންދާއިރު ޓީވީ މެދުވެރިކޮށް އިޝާރާތް ބަހުން ހުތުބާ ގެނެސްދޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެކަން ފަށާނީ މި މަހުގެ 12 ވާ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތުން މިހާރު ވެސް ޓީވީތަކުން ބައެއް ހަފުލާތައް ދައްކާއިރު ކަނެއްގައި އިޝާރާތް ބަހުން ހަފުލާގެ ކަންކަން ކިޔައިދޭ މީހަކު ހުންނަ ގޮތަށް، ހުތުބާ ވެސް އިޝާރާތް ބަހުން ފެންނަން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ސަރުކާރުން އެގޮތަށް ނިންމީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ކަނޑައަޅާފައި ތިބޭ މަންދޫބުންނާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ހުކުރު ހުތުބާ އިޝާރާތް ބަހުން ގެނެސްދިނުމުގެ އިތުރުން އަންނަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ހާއްސަ ކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
އެ ހަރަކާތްތައް ކުރިއަށް ގެންދާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަނޑައަޅާފައިވާ މަންދޫބުންނާ ގުޅިގެންނެވެ.
އެގޮތުން، ކޮންމެ ހުކުރު ދުވަހަކު އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވާ "ހުކުރު އުފާ"ގެ ތެރެއިން މިމަހުގެ 12 ވަނަވާ ހުކުރު ދުވަހުގެ ހަރަކާތްތައް ހާއްސަ ކުރާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.
އެގޮތުން އެ ދުވަހުގެ ހަވީރު ދަންފަޅީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކޮށްގެން ކުޅިވަރު ހަރަކާތްތަކާއި ދީނީ ހަރަކާތްތައް ބާއްވަން ނިންމާފައިވާއިރު، ރޭގަނޑު ދަންފަޅީގައި ދޭ ދަރުސް ވެސް ހާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކުދިންގެ ބެލެނިވެރިންނަށެވެ.