04 Jan 2018, 09:27
ސިޔާސީ ކުށްވެރިންނާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް އުވާލައި، އެމީހުން މިނިވަންކުރަން އިތިއޯޕިއާގެ ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެ ނިންމުން އިއުލާން ކުރަމުން އިތިއޯޕިއާގެ ބޮޑު ވަޒީރު ހައިލަމާރިއަމް ދެސާލީން ވިދާޅުވީ، އެއީ އެގައުމުގެ އެންމެންނަށް ޑިމޮކްރަސީގެ ޖާގަ ފުޅާކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.
ސަރުކާރާ ދެކޮޅަށް އިތިއޯޕިއާގެ އޮރޯމިއާ އަދި އަމްހަރާ ސަރަހައްދުން މީގެ މަސްތަކެއް ކުރިން ފެށުނު މުޒާހަރާތައް ފުޅާވެ، އެ ސަރަހައްދުތަކުގެ ވިޔަފާރިތަކާއި ޔުނިވާސިޓީ އަދި ދަތުރުފަތުރުގެ ނެޓްވޯކަށް ވެސް ވަނީ ހުއްޓުން އަރައިފައެވެ.
އަދި މުޒާހަރާތައް އިތިއޯޕިއާގެ އެކި ސަރަހައްދުތަކަށް ފުޅާވެ، ބައެއް މުޒާހަރާތައް ލޭ އޮހޮރުވުންތަކަށް ބަދަލުވެގެން ގޮސްފައިވާ އިރު، ބޮޑު ވަޒީރުގެ ނިންމުމާއެކު މަސް ދުވަސް ވަންދެން އެގައުމުގައި އިއުލާންކޮށްފައި އޮތް ކުއްލި ހާލަތު ވެސް ވަނީ އުވާލައިފައެވެ.
މިއީ 1991 ވަނަ އަހަރު އެގައުމުގެ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް ހިންގަމުންދާ އެންމެ ސީރިއަސް މުޒާހަރާތަކެވެ.
"ދައުވާތައް އުފުލާފައިވާ ސިޔާސީ ކުށްވެރިން އަދި މިހާރުވެސް ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންވާނެ. އަދި މައެކެލާވީގެ ނަމުން މަޝްހޫރު ޖަލު ބަންދުކޮށް އެތަން ދާރުލް އާސާރަކަށް ބަދަލުކުރަން ވަނީ ނިންމާފައި،" ހައިލަމާރިއަމް ވިދާޅުވިއެވެ.
އިތިއޯޕިއާގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ސިޔާސީ ކުށްވެރިން މިނިވަންކުރާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނި ނަމަވެސް، ސިޔާސީ ކުށްވެރިންގެ ގޮތުގައި ތިބި މީހުންގެ އަދަދެއް ނޭނގެއެވެ.
އިތިއޯޕިއާގެ އިދިކޮޅު ފަރާތްތަކުން ދަނީ އަހަރުތަކެއް ވަންދެން އެގައުމުގެ މަޝްހޫރު ބައެއް ނޫސްވެރިންނާއި އިދިކޮޅު ލީޑަރުން ފްރޭމްކޮށް، ހައްޔަރު ކުރަމުންދާކަމުގެ ތުހުމަތު އެގައުމުގައި މިހާރު އޮތް ސަރުކާރަށް ކުރަމުންނެވެ.
އެއާއެކު އެގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕްތަކުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ހައްޔަރުގައި ތިބި ސިޔާސީ ކުށްވެރިންނަށް ކޮށްފައިވާ ތުހުމަތުތައް އުވަލައި އެމީހުން މިނިވަންކުރަން ގޮވަމުންނެވެ.