ކާބުލް : (އޮގަސްޓް 12) : އަފްޣާނިސްތާނުގެ ދެކުނުގައި އިއްޔެ ބާރުގަދަ އެއްޗެއް ގޮވުމުގެ ޙާދިޘާއެއްގައި އެމެރިކާ ސިފައިންގެ 5 މީހަކު މަރުވެއްޖެއެވެ. އެމެރިކާ ސިފައިންގެ ތަރްޖަމާނަކު ވަނީ މި 5 މީހުން މަރުވީ ބިމުގައި ވަޅުލާފައިވާ މައިނެއް ގޮވައިގެން ކަމަށްބުނެ މިފަސްމީހުން މަރުވިކަން ކަށަވަރުކޮށްދީފައެވެ. ތާލިބާނުންގެ ތަރްޖަމާން ޒަބީހުﷲ މުޖާހިދު ވަނީ އެޖަމާއަތުގެ ދަންދުރައެއްގައި ޖެހި އެމެރިކާ ސިފައިންގެ ބަޔަކު މަރުވިކަން ހާމަކުރައްވާފައެވެ.

މި 5 މީހުންނާއެކު ވޭތުވެދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި މަރާލެވުނު އެމެރިކާ ސިފައިންގެ ޢަދަދުވަނީ 38 އަށް އަރާފައެވެ. މީގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު ތާލިބާނުންގެ ރޮކެޓް ޙަމަލާއެއްގައި އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލުމުން މަރުވި ސިފައިންގެ 31 މީހުންނާއި މިދިޔަ އަންގާރަ ދުވަހު ތާލިބާނުންގެ ބަޑީގެ ޙަމަލާއެއްގައި މަރުވި 2 މީހުން ހިމެނެއެވެ.

ނިމިގެންދިޔަ ހަފްތާގައި މަރުވި އެމެރިކާގެ 38 މީހުންނާއެކު މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް އެމެރިކާގެ 350 އަށްވުރެ ގިނަ ސިފައިން އަފްޣާނިސްތާނުގައި މަރާލެވިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ތާލިބާނުން ބަލިކުރުމަށް 10 އަހަރުވަންދެން އެމެރިކާ ކުރި ހަނގުރާމަ ނާކާމިޔާބުވުމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ 2014 ވަނަ އަހަރު ނިމުމުގެ ކުރިން އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގެ ޕްލޭނެއް އިޢްލާންކުރައްވާފާ. މިޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަންނަ އަހަރުގެ ހޫނު މޫސުން ފެށެންވާއިރަށް އެމެރިކާ ސިފައިންގެ 33 ހާސް މީހުން އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ބުނެއެވެ. ތާލިބާނުން ބަލިނުކުރެވޭނެކަން ކަށަވަރުވުމުން އެޖަމާއަތާއެކު ސުލްޙައިގެ ވާހަކަ ތަކެއްވެސް އެމެރިކާ ކުރިޔަށް ގެންގޮސްފައިވެއެވެ. ނަމަވެސް މިވާހަކަތައް ނާކާމިޔާބުވެގެން މިދިޔަ ހަފްތާގައި ނިމިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަފްޣާނިސްތާނުން ފޭބުމުގެ ކަންތައް އެމެރިކާ ކުރިޔަށް ގެންދިޔަ ނަމަވެސް އެމެރިކާ ސިފައިން އެއްކޮށް އަފްޣާނިސްތާނުން ފައިބަންދެން އެެމެރިކާއާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިޔަށް ގެންދާނެކަމަށް އަފްޣާނިސްތާނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ތާލިބާނުން ޖަމާއަތުން ބުނެއެވެ. (އަލްޖަޒީރާ)