24 May 2010, 05:17
10:00
ހައްދު ފަހަނަ އަޅާފައިވާ ހަރުކަށި ހިޔާލުގެ މީހުންގެ ޝިކާރަޔަކަށް އިސްލާމީ ޤައުމުތައް ވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް އިސްލާމީ ޤައުމުތަކުގެ ހާރިޖީ ވަޒީރުންނަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ގޮވައިލައްވައިފި އެވެ.
ފޮރިން މިނިސްޓަރ މިކަމަށް ގޮވައިލައްވާފައި ވަނީ ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބޭ ގައި މިހަފްތާގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ 37 ވަނަ ބައްދަލުވުމުގައި މިދިޔަ ބުދަ ދުވަހު ތަޤްރީރު ކުރައްވަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޑރ. ޝަހީދު ވިދާޅުވީ، މި ފަހަކަށް އައިސް ދުނިޔެ ބަނަވުމުގެ ތެރޭގައި، ހައްދުފަހަނަ އަޅާފައިވާ ނުވަތަ ހަރުކަށި ހިޔާލުގެ އޮއިވަރުތައް ހުރިހާ ދީނެއްގެ ތެރެއިންނާއި އަދި ދުނިޔޭގެ އެކިކަންކޮޅުތަކުން ފެނިގެން އެބަދާ ކަމަށާއި، އިސްލާމީ ޤައުމުތަކާއި ޖަމާއަތްތައް ވެސް މި އޮއެވަރުގައި ޖެހިފައިވާ ކަމަށެވެ. ނަމަވެސް، ޓެރަރިޒަމްގެ އަމަލްތަކަށް އެއްގޮތަކަށް ވެސް ޖާގަ ދެވިގެންނުވާނެ ކަމަށާއި، ޓެރަރިޒަމްގެ އަމަލް ތަކުގެ ސަބަބުން އެންމެ ބޮޑު އަނިޔާ އާއި ގެއްލުމާއި ނިކަމެތިކަން ލިބިގެން ދާނީ ހަމަ މައުސޫމް މުސްލިމުންނަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ތަރައްޤީގެ އިންސާފުވެރި ހިއްސާއެއް ނުލިބި، މުޖުތަމަޢުގެ ހަވާސާއިން ބޭރުވެގެން ޒުވާނުން ދިއުމަކީ، ހަރުކަށި ހިޔާލުގެ ޖަމާއަތްތަކުގެ ސަފުތައް އިތުރުވުމަށް ހުޅުވިގެންދާ ދޮރެއްކަން މިނިސްޓަރ ފާހަގަ ކުރައްވަމުން، ހައްދުފަހަނަ އަޅާދިއުމަށް މަގުފަހިވާ ކަންތައްތަކަށް ސަމާލުކަން ދިނުމަށްވެސް މިނިސްޓަރ ވަނީ ގޮވާލައްވާފަ އެވެ.