ސްރީލަންކާގެ ކޮލޮމްބޯގެ އައްސޭރިން ބޮޑު ސަރަހައްދެއް ހިއްކައިގެން ތަރައްގީކުރާ "ޕޯޓް ސިޓީ" މަޝްރޫއުގެ ދަށުން، އެތަނުގައި ތިން އިމާރާތެއް އެޅުމަށް ޗައިނާއިން އެއްބިލިޔަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ.

ގާތްގަނޑަކަށް 1.4 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރަމުންދާ ޕޯޓް ސިޓީ މަޝްރޫއު ހިންގަނީ ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ، ޗައިނާ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ އިންނެވެ.

ލަންކާގެ ރީޖަނަލް ޑިވެލޮޕްމެންޓް މިނިސްޓަރު ޗަމްޕިކަ ރަނަވަކަ ވިދާޅުވި ގޮތުގައި، ޗައިނާގެ ކުންފުނިން ޕޯޓް ސިޓީގައި 60 ބުރީގެ ތިން އިމާރާތެއް އެޅުމަށް އެއް ބިލިޔަން ޑޮލަރު އިންވެސްޓްކުރަން ވަނީ ނިންމައިފައެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ އެކު، ޕޯޓް ސިޓީގެ މަޝްރޫއު ކުރިޔަށްދާގޮތް ބައްލަވައިލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

"މީގެ އިންވެސްޓްމެންޓް ބިލިޔަން ޑޮލަރަށް އަރާނެ. މި މަހު މިކަމުގެ އެއްބަސްވންތަކުގައި ސޮއިކުރެވޭނެ ޗައިނާގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ޖުމްލަ 269 ހެކްޓަރުގެ ހިއްކި ބިމުގައި ހަދާ ޕޯޓް ސިޓީގެ މަޝްރޫއަށް ކުރިޔަށް އޮތް 30 އަހަރު ތެރޭގައި ޖުމްލަކޮށް 13 ބިލިޔަނެއްހާ ޑޮލަރުގެ އިންވެސްޓްމެންޓް އަންނާނެކަމާށް ސްރީލަންކާއިން އުންމީދުކުރެއެވެ. އޭގެ ތެރޭގައި ހައުސިންގް، މެރީނާ، ސިއްހީ އަދި ތައުލީމީ ޚިދުމަތްދޭ ތަންތަން ހުޅުވިގެންދާނެ ކަމަށް ލަންކާއިން ލަފާކުރެއެވެ. އަދި އެތަނުގައި 83،000 އެއްހާ ވަޒީފާގެ ފުރުސަތުވެސް ހުޅުވިގެންދާނެ ކަމަށް ލަންކާއިން ލަފާކުރެއެވެ.

ކޮލޮމްބޯގެ މައި ބަނދަރާއި، މަޝްހޫރު ގޯލް ފޭސް އައްސޭރިއާ ދެމެދުން ބިން ހިއްކައިގެން ތަރައްގީކުރާ ޕޯޓް ސިޓީގައި އިންވެސްޓްކުރަން އެދޭ އިންވެސްޓަރުންނަށް އެކިއެކި ލުއިތައް ދިނުމަށްޓަކައި ޚާއްސަ ގާނޫނެއްވެސް މިހާރު ދަނީ ތައްޔާރުކުރަމުންނެވެ.