03 Jan 2018, 20:19
ބައިނަލްއަގްވާމީ ފެވަރުގެ ރެކޯޑް ސްްޓޫޑިއޯއެއް ރާއްޖޭގައި ގާއިމް ކުރުމަށް އެމެރިކާގެ މަޝްހޫރު ރެކޯޑް ލޭބަލް އަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ސޯލްޓް ރެސްޓޯރެންޓްގައި ބޭއްވި ހަފްލާއެއްގައި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މޯލްޑިވް އައިލެންޓް ރިއެލިޓީ (އެމްއައިއާރް) އަދި އެމެރިކާގެ ރެކޯޑް ކުންފުންޏަކާއެކުއެވެ. އެމެރިކާގެ މަޝްހޫރު އެ ކުންފުނީގެ ނަން އަދި ހާމަ ކުރަން ބޭނުން ނޫންކަމަށް އެމްއައިއާރް އިން ބުނެއެވެ.
މި ރެކޯޑް ސްޓޫޑިއޯ ގާއިމްކުރާނީ އެމްއައިއާރް އިން ތަރައްގީ ކުރާ ރިސޯޓެއްގައެވެ. އެ ރިސޯޓު ތަރައްގީ ކުރާ ރަށްވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ދެތިން މަސްތެރެ މަސައްކަތް ފެށޭނެ ކަމަށް އެމްއައިއާރް އިން ބުންޏެވެ.
އެމްއައިއާރްގެ ފައުންޑާ އަހުމަދު ޝާފީ ވިދާޅުވީ ރިކޯޑް ސްޓޫޑިއޯ ގާއިމް ކުރަނީ އިންޓަނޭޝަނަލް އާޓިސްޓުންނަށްވެސް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން ހޮލީވުޑާއި ބޮލީވުޑްގެ ފަންނާނުންނަށްވެސް އެ ސްޓޫޑިއޯގައި ލަވަ ރެކޯޑް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާފީ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އިޝްރިހާރު ކުރުމުގެ ކަންތައްވެސް އެމެރިކާގެ ކުންފުންޏާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"ރާއްޖެއަށް ޚާއްސަ ރެކޯޑިން ލޭބަލް އެއް ގާއިމްކޮށް އެ ޕްރޮމޯޓްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވިއެވެ.
އެ އެމްއޯޔޫގެ ދަށުން އެމްއައިއާރް އިން ތަރައްގީ ކުރާ ރިސޯޓަށް އިޓަލީގެ މަޝްހޫރު ބްރޭންޑްތަކުގެ މޫދު ކުޅިވަރުގެ ސާމާނު ގެންނާނެއެވެ. އަދި އެހެން ރިސޯޓުތަކަށް އެތަކެތި ސަޕްލައިކުރުމުގެ ކަންތައްވެސް އެމްއައިއާރް އިން ކުރާނެއެވެ.
އެމްއައިއާރް އިން ތަރައްގީ ކުރާ ރިސޯޓުގައި އަންޑަވޯޓާ ރޫމް ތަކާއި ރޮޓޭޓިން ވައިން ބާ އެއްވެސް ގާއިމް ކުރުމަށް ވަނީ ނިންމައިފައެވެ.