03 Jan 2018, 18:11
ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަތުމަށްޓަކައި ޝަރޫ ލޯންޗު ސާވިސް އަށް ގަވާއިދާ ޚިލާފަށް 17.8 މިލިއަން ރުފިޔާދިން މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް ނިންމަވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ "ސަން" އަށް ވިދާޅުވީ އެ މައްސަލާގައި ދައުވާ ނުކުރަން ނިންމިކަން ބަޔާންކޮށް ޕީޖީ އޮފީހުން މިއަދު އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"ދައުވާ ނުކުރަން އަންގާފައިވާ ކަމަށް ބުނެ ސިޓީއެއް މިއަދު ވަނީ ލިބިފައި. މިހާރު މަސައްކަތް މިކުރަނީ އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ކޮމިޝަންގެ މެމްބަރުންނާ އެކު މަޝްވަރާ ކުރަން. ފަހުން ތަފްސީލްތައް ހާމަ ކުރާނަން،" ލުތުފީ ވިދާޅުވިއެވެ.
ފެނަކައިން 17.8 މިލިއަން ރުފިޔާ ނެގުމަށްފަހު ޝަރޫލޯންޗު ސާވިސް އިން އެ ކުންފުންޏަށް ޑޮލަރު ގަނެދީފައެއްނުވެއެވެ. އޭސީސީގެ ތަހުގީގުން ހާމަވިގޮތުގައި އެއީ ޝަރޫލޯންޗު ސާވިސް އިން މަކަރާއި ހީލަތުން ފަނަކައިން ހޯދި ފައިސާތަކެކެވެ.
ޝަރޫއިން ވަނީ ސްޓެލްކޯއަށް ޑޮލަރު ގަނެދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އެކުންފިން ވެސް ގިނަ އަދަދެއްގެ ފައިސާ އަތުލާފައެވެ. އަދި ސްޓެލްކޯ އިން އެ ފައިސާ ދޫކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފައެވެ.
އެ މައްސަލާގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝަކޫރު ސޯލިހާއި އިތުރު މީހެއްގެ މައްޗަށް ދައުވާކުރަން އޭސީސީ އިން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލާގައި ދައުވާކުރުމާ މެދު އަދި ވަކިގޮތެއް ނުނިންމައެވެ.
ނިމާލްގެ މައްޗަށް ދައުވާނުކުރަން ނިންމިނަމަވެސް، ފެނަކަ އާއި ސްޓެލްކޯ އިން މަކަރާއި ހީލަތުން ފައިސާ އަތުލި މައްސަލާގައި ޝަރޫ ލޯންޗް ސާވިސްގެ ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. ދައުވާ އުފުލާފައިވާ މީހުންނަކީ މާލޭ ދަފްތަރު 1232 މުހައްމަދު މުޝްތާގާއި ބ. ތުޅާދޫ ކަންކަމަތީގެ ސަބާހް އަހްމަދާއި މ. ގްރީންޕީކް އިބްރާހިމް ނަސީމާއި މ. ފާގަތީގެ އިބްރާހިމް ހުނައިން އަހްމަދެވެ.
ނިމާލްގެ މައްޗަށް ދައުވާކޮށްދިބުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.