އިސްލާމްއާބާދު (03 ޖެނުއަރީ): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ އަހަރާއެކު ޕާކިސްތާނާ ދިމާކޮށްލާފައިވާތީވެ، ޕާކިސްތާނުން އެމެރިކާއާ އޮންނަ ގުޅުން އަލުން މުރާޖައާކުރަން ނިންމައިފިއެވެ.

ޕާކިސްތާނުގެ އެކްސްޕްރެސް ޓްރިބިއުން ނޫހުން އެގައުމުގެ ސީނިއާ އޮފިޝަލުންނާ ހަވާލާދީ ބުނީ، އެގައުމުން ޓެރަރިޒަމާ ދެކޮޅަށް ކޮށްފައިވާ މަސައްކަތްތައް އެމެރިކާއަށް އަންގައިދޭނެ ކަމަށެވެ.

ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވީ، އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައި އެހީތައް ކަަނޑާލައިފިނަމަ ޕާކިސްތާނުން އެމެރިކާއާ އޮންނަ ގުޅުން އަލުން މުރާޖައާކުރާނެ ކަމަށާއި އޭގެ އިތުރުން އެމެރިކާއަށް އެއްބާރުލުން ދިނުން މުޅިން ހުއްޓާލުމުގެ ފުރުސަތު އޮތް ކަމަށެވެ.

މުސްތަގުބަލުގައި ޕާކިސްތާނުން ނިންމުންތައް ނިންމާނީ އެގައުމުގެ ގައުމީ ސަލާމަތީ ކަންތައްތަކަށް ރިއާޔަތްކޮށްފައި ކަމަށް، އެެމެރިކާގެ ޑިފެންސް ސެކެޓްރީއަށް ޕާކިސްތާނުން ވަނީ ދަންނަވައިފައެވެ. އަދި އެމެރިކާ ބުނާހާގޮތަކަށް ޕާކިސްތާނުގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ނިންމުންތައް ނުނިންމާނެ ކަމަށް ވެސް ޕާކިސްތާނުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވީ، އެގައުމުން ޓެރެރިޒަމަށް ވާގިވެރިވާކަމަށް ބުނެ އެމެރިކާއިން ކުރާ ތުހުމަތުތަކުގައި އެއްވެސް ހެއްކެއް ދައްކާފައިނުވާ ކަމަށެވެ. އަދި އަފްގާނިސްތާނުގައި އެމެރިކާއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން އެމެރިކާއިން މަަސައްކަތްކުރަނީ ޕާކިސްތާނުގެ ބޮލުގައި އެކަން އަޅުވަން ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

އޮފިޝަލުން ވިދާޅުވީ ޕާކިސްތާނުގެ އަމާޒު މިހާރު ހުރީ އެމެރިކާގެ ބަދަލުގައި ޗައިނާ، ރަޝިއާ ފަދަ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ކަމަށެވެ.

ޕާކިސްތާނާ އެމެރިކާއާ ދެމެދު ފަހަކަށް އައިސް ވަރަށް ބޮޑަށް ގުޅުންތައް ގޯސްވެފައިވާ އިރު ދާދި ފަހުން ޕާކިސްތާނުން ވަނީ އެގައުމުގެ ވައިގެ ސަރަަހައްދަށް އެމެރިކާގެ ޑްރޯންތައް ވަންނަ ނަމަ ވައްޓާލުމަށް ވެސް އަމުރުކޮށްފައެވެ.

މަސްދަރު: އެކްސްޕްރެސް ޓްރިބިއުން ޕާކިސްތާން