12 Aug 2011, 10:29
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިގުތިސާދީ ބިލުތަކާމެދު ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު އެމަނިކުފާނު ދެއްވި ހަފްތާ ރޭޑިއޯ ހިތާބުގައި ވިދާޅުވީ، ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ކުރިއަށް ގެންދެވެނީ، ވިޔަފާރިވެރިންގެ އެތައް ބަޔަކާ މަޝްވަރާ ކުރެވިގެން ކަމަށެވެ. އަދި އިގުތިސާދީ ބިލުތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންދާ މަޖިލިސް މެމްބަރުންނާއި އަދި ވިޔަފާރި ޖަމިއްޔާތަކުން ބުނާ އަސަރުތަކެއް ނުކުރާނެ ކަމަށާއި ޓެކްސްގެ ނިޒާމުން ރައްޔިތުންނަށް ލިބޭނީ އިތުރު ކުރިއެރުމާއި ތަރައްގީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ، ހާސަކޮށް، ވިޔަފާރި ޖަމްއިއްޔާތަކުންވެސް މިކަންކަމާ ކަންބޮޑުވެލެއްވުމުގެ އެއްވެސް ސަބަބެއް ނެތޭ. މީގެން އެބޭފުޅުންނަކަށްވެސް އެވިދާޅުވާ އަސަރުތަކެއް ނުކުރާނެއޭ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަނގަޅުވުމާއި، ދިވެހި ދައުލަތް ކުރިއަރައި ދިޔުމާއި، އަޅުގަނޑުމެންނަށް ތަރައްގީގެ މަގު ފަހިވެގެން ދިޔުން ނޫން ކަމެއް، މި ބިލްތަކުން ވެގެންދާނެ ކަމަކަށް އަޅުގަނޑުމެންނަކަށެއް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.
އަންނަ ހޯމަ ދުވަހު ބާއްވާ ސަރުކާރުގެ މާލީ އަދި އިގުތިސާދީ ޕްރޮގްރާމް ރަސްމީކޮށް އިއުލާނު ކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، އެ ޖަލްސާގައި، ސަރުކާރުގެ މުޅި އިގުތިސާދީ ޕްރޮގްރާމް، ވަރަށް ފުރިހަމަކޮށް ހާމަވެގެންދާނެ ކަމަށާއި އަދި އޭގެތެރޭގައި، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ 18 ބިލްގެ މައުލޫމާތުވެސް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސް ކަމަށްވުމާއެކު، މިދުވަހުގެ ތަހުނިޔާ ރައީސް ވަނީ ހުރިހާ ޒުވާނުންނަށް ފޮނުއްވައިފަ އެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ވަޒީފާ ހޯދައިދިނުމުގެ ބޮޑު ޕްރޮގްރާމާއި ގައިދީން މިނިވަންކުރުމަށް ހިންގާ ދެވަނަ ފުރުސަތު ޕްރޮގްރާމަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
އެގޮތުން ޒުވާނުންނަށް ތައުލީމާއި ހުނަރު ދަސްކޮށްދީ، ވަޒީފާއަށް ނުކުތުމަށް އެހީތެރިވެދިނުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން 8500 ދިވެހިންނަށް ވަޒީފާގެ ފުރްސަތު ފަހިކޮށްދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެޕްރޮގްރާމްގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވެސް ފާހަގަކުރެއްވި އެވެ.
"މި ޕްރޮގްރާމްގައި ލިބެންހުރި ފުުރުސަތުތަކަކީ ކޮބައިތޯ ބަލައި، ހޯދައި، ވެބްސައިޓްތަކާއި، ނޫސްތަކުގެ އިއުލާނުތަކާއި އަދި ސަރުކާރުގެ ގެޒެޓްވެސް ބައްލަވައި، މިމަޝްރޫއުގެ ތެރެއަށް ވަދެވެން އޮތް ގޮތަކަށް ވަނުމުގެ ހުރިހާ ކަމެއް ކުރެއްވުމަކީ، އަޅުގަނޑު މިއަދު ޒުވާނުންގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ދެވަނަ ފުރްސަތު ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު މިއަދު ވަނީ، މުޖުތަމައުއަށް ނެރޭ ކުށްވެރިޔަކު ކުށެއް ކޮށްފިނަމަ އަނބުރާ ޖަލަށް ލާނެ ކަން ހަނދާންކޮށްދީފަ އެވެ. އަދި މުޖްތަމައަށް ނުވަތަ އާންމު މަސްލަޙަތަށް އެއްވެސްކަހަލަ ނުރައްކަލެއް، ބުރޫއެއް އަރާނެ ފަދަ އަމަލެއް ހިންގާފާނެ ކުއްޖެއް ކަމަށް ފެންނަނަމަ، ފުރަތަމަ ކަމަކަށް، އެފަދަ ކުއްޖެއް ނުވެސް ނެރެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
"ނެރިފައިވާ ކުއްޖެއްގެ ކިބައިން އެފަދަ ކަމެއް ފާހަގަވެއްޖެނަމަ، އެކުއްޖެއް އަލުން އަނބުރާ ވަގުތުން ޖަލަށްވެސްދާންޖެހޭނެ." އެމަނިކުފާނު ވިދާޅުވި އެވެ.