ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ބާތިލްކޮށްދިނުމަށް އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ދައުވާ ބާތިލްކޮށްދިނުމަށް މައުމޫން ހަމީދު އެދިވަޑައިގަތީ ދެކަމެއްގެ މައްޗަށް ބިނާކޮށެވެ.

ދައުވާ ބާތިލްކޮށްދިނުމަށް އެދިވަޑައިގެންނެވި ފުރަތަމަ ސަބަބަކީ ދައުވާ ފޯމްގައި ޕްރޮސިކިއުޓާ ޖެނެރަލް ސޮއިކުރައްވާފައިނުވާތީއެވެ.

މައުމޫން ހަމީދު ވިދާޅުވީ ގާނޫނު ބުނާގޮތުން ދައުވާ ފޯމުގައި ސޮއިކުރައްވަންޖެހޭނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށާއި ނަމަވެސް އެ މައްސަލައިގެ ދައުވާ ފޯމުގައި ސޮއިކުރައްވާފައި ވަނީ އެހެން ބޭފުޅެއް ކަމަށެވެ.

އެހެން ބޭފުޅަކަށް ދައުވާ ފޯމުގައި ސޮއިކުރެވޭނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ހުއްދައާ އެކު ކަމަށާއި އެ މައްސަލައިގެ ދައުވާ ފޯމުގައި އެހެން ބޭފުޅަކު ސޮއިކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލްގެ ހުއްދައާއެކުކަން އެނގެން ނެތް ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރަން އެދުނު ދެވަނަ ސަބަބަކީ ފާރިސް ދިން ކަމަށް ބުނެ މަޖިލިސް މެމްބަރަކަށް ފައިސާ ދިން ކަމަށް ބުނާ ލ. ފޮނަދޫ، ސްވީޓްފްލާވާ އަހުމަދު ޝާފިއު އެކަމަށް އިންކާރުކޮށް ރާއްޖެ ޓީވީއަށް ދީފައިވާ އިންޓަވިއުއާ ގުޅިގެން ހިންގާ ތަހުގީގު އަދި ނިމިފައިނުވާތީއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވަނީ ޝާފިއު ރާއްޖެ ޓީވީއަށް ދިން އިންޓަވިއުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެހެންކަމުން މައުމޫން ހަމީދު އެދިވަޑައިގަތީ އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ރިޝްވަތު މައްސަލައިގެ ޝަރީއަތް މެދުކަނޑާލުމަށެވެ.

ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި ޖުމްލަ 23 ކަމެއް ހުށަހެޅުމަށް ފާރިސްގެ ފަރާތުން ނިންމާފައިވާއިރު، ބާކީ ހުށަނޭޅި އޮތީ އެއް ނުކުތާއެކެވެ.

މައުމޫން ހަމީދު ވިދާޅުވީ ފާރިސް ރިޝްވަތު ދިނީ ކޮންއިރަކު، ކޮންތަނެއްގައިހުރެ، ކިހާ އަދަދެއްގެ ފައިސާއެއްކަން އެ ދައުވާ އިން ސާފުނުވާ ކަމަށެވެ.

މައުމޫން ހަމީދުގެ ވާހަކަތަކަށް ރައްދުދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާ ފޯމްގައި ސޮއިކުރާނެ ބޭފުޅެއް ކަނޑައަޅައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެކަމަކީ ގާނޫނުގެ ތެރެއިން ކުރާ ކަމެއް ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.

ޝާފިއު ރާއްޖެ ޓީވީއަށް ދީފައިވާ ވީޑިއޯ އިންޓަވިއުގެ މައްސަލަ ތަހުގީގު ކުރަމުންދިޔުމަކީ ރިޝްވަތު މައްސަލައިގެ ޝަރީއަތް ކުރިއަށްނުގެންދެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.

ގާޒީ އަލީ އާދަމް މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ އަންގާރު ބާއްވާނެ ކަމަށް އިއުލާންކުރެއްވުމަށްފަހުއެވެ.