ލަންޑަން (03 ޖެނުއަރީ): އިނގިރޭސިވިލާތުގެ ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލުތައް ގެނައުމުގައި އެ މުއައްސަސާގައި އުޅޭ "ފްރީމޭސަން"ގެ ސަބަބުން ހުރަސް އެޅޭ ކަމަށް އެ ގައުމުގެ ކުރީގެ ޗެއާ އޮފް ޕޮލިސް ފެޑެރޭޝަން ސްޓީމް ވައިޓް ވިދާޅުވެއްޖެ އެވެ.

ވައިޓް ވަނީ ޗީފްގެ މަގާމުގައި ތިން އަހަރު ހޭދަކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ "ފްރީމޭސަނުން" އަންހެނުންނާއި އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައިމަދު ދަރިކޮޅުތަކުން ފުލުހުންގެ މުވައްސަސާތަކަށް މީހުން ނެގުމަށް ހުރަސް އަޅާ ކަމަށެވެ.

ފްރީމޭސަނަރީ އަކީ 200،000 މެމްބަރުންގެ މައްޗަށް އެކުލެވޭ ބައިނަލަގްވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަށް ނިސްބަތްވާ މީހުން ދުނިޔޭގެ އެކި ކަންތައްތަކުގެ މައްޗަށް ވަރަށް ބޮޑަށް ނުފޫޒް ފޯރުވާ ކަމަށް އަބަދުވެސް ގިނަ މާހިރުން ތުހުމަތުކުރެ އެވެ. އަދި އެ ޖަމިއްޔާގެ މެމްބަރުން އަމިއްލަ ފަލްސަފާތަކެއް ގެންގުޅޭ އިރު އެމީހުންގެ ވިސްނުން ސަމާވީ ހުރިހާ ދީންތަކާ މުޅިން ފުށުއަރަ އެވެ.

"އަޅުގަނޑުމެން އެބަ ބަލަން ޖެހޭ އެމީހުން އެކި އެކި ނިންމުންތައް ނިންމަނީ ރަނގަޅު ނިޔަތެއްގައިތޯ،" ވައިޓް ގާޑިއަން އަށް ވިދާޅުވި އެވެ.

ވައިޓް ވިދާޅުވީ ފުލުހުންގެ މުވައްސާސާގައި ކިތަންމެ ގާބިލް މީހުން ތިއްބަސް ފްރީމޭސަނަރީގައި ހަރަކާތްތެރިވާ އޮފިސަރުން އަބަދު ވެސް އެ ޖަމާއަތުގެ މެމްބަރުންނަށް އިސްކަންދޭ ކަމަށެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ޕޮލިސް ކޮމިޝަނަރެއް ކަަމަށްވާ ކެނެތު ނިއުމަން ވަނީ ފްރީމޭސަނުން ފުލުހުންގެ މުވައްސަސާގައި ހަރަކާތްތެރިވާ ކަމަށް ވިދާޅުވެފަ އެވެ. ކެެނެތު ވަނީ އެ ޖަމާއަތުގެ މެމްބަރުން ފުލުހުންގެ މުވައްސަސާގައި ހަރަކާތްތެރިވުމާ ދެކޮޅު ހައްދަވައިފަ އެވެ.

މަސްދަރު: އާރުޓީ