03 Jan 2018, 15:51
ބެއިޖިންގް (03 ޖެނުއަރީ):ޓެރެރިޒަމާ ދެކޮޅަށް ޕާކިސްތާނުން އެއްބާރުލުން ނުދޭ ކަމަށް ބުނެ އެމެރިކާ އިން ޕާކިސްތާނަށް ދޭ އެހީ ކަނޑާލިޔަސް، ޗައިނާ އިން އޮންނާނީ ޕާކިސްތާނާ އެކު ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާގެ އެމްބެސެޑަރު ޔައޯ ޖިންގް، ޕާކިސްތާނުގެ ރިޓަޔާ ކޮށްފައިވާ ނެޝެނަލް ސެެކިޔުރިޓީ ޖެެނެރަލް ނާސިރު ޚާން ޖަންޖުއާ އިއްޔެ ބައްދަލުކުރައްވައި ވިދާޅުވީ ޕާކިސްތާނުން ޓެރެރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ، ޗައިނާއިން އަބަދު ވެސް ބަލައިގަންނަ ކަމަށެވެ. އަދި ޕާކިސްތާނުން ޓެރެރިޒަމާ ދެކޮޅަށް ވެފައިވާ ގުރުބާނީތަކަކީ އެހެން ބަޔަކަށް ނުވެވޭނެ ގުރުބާނީތަކެއް ކަމަށް ވެސް ޔައޯ ވިދާޅުވި އެވެ.
ޔައޯ ވިދާލުވީ ޗައިނާއިން އަބަދު ވެސް ޕާކިސްތާނުގެ ވަފާތެރި އެކުވެރިއެއްގެ ގޮތުގައި އޮންނާނެ ކަމަށާއި އަދި ޕާކިސްތާނުގައި ސުލްހަވެރިކަމާއި އަމާންކަން ގާއިމުކުރުމަށް ޗައިނާއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ޓްރަމްޕްގެ ޓުވީޓުގައި ޕާކިސްތާނުން ޓެރެރިޒަމަށް ވާގިވެރިވާކަމަށް ވިދާޅުވެފައިވާތީވެ އެކަމަށް ރައްދު ދެއްވައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ވެސް ވަނީ ޕާކިސްތާން ދިފާއުކޮށްފަ އެވެ.
"އަޅުގަނޑުމެން ކިތަންމެ ފަހަރަކު ބުނެފައި އޮންނާނެ ޓެރެރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމާގައި ޕާކިސްތާނުން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ކަމަށް. ބައިނަލަގްވާމީ ދުނިޔެއިން އެބަޖެހޭ އެކަން ބަލައިގަންނަން،" ސްޕޯކްސްޕާސަން ވިދާޅުވި އެވެ.
ޓްރަމްޕްގެ ޓުވީޓާއެކު އެމެރިކާ އިން ޕާކިސްތާނަށް ދޭން ހަމަޖެހިފައި އޮތް 225 މިލިއަން ޑޮލަރު ހިފަހައްޓައިވާކަން ވެސް އެމެރިކާ އިން ވަނީ ޔަގީން ކޮށްދީފަ އެވެ.
މަސްދަރު : އެކްސްޕްރެސް ޓްރިބިއުން ޕާކިސްތާން