03 Jan 2018, 15:35
މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ ރެހެންދި އެވޯޑަށް އިތުރު ދެ ދާއިރާއެއް އިތުރު ކުރުމަށް ފަހު، އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ރެހެންދި އެވޯޑަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ޖެންޑާ މިނިސްޓްރީންދޭ އަންހެނުންނަށް ދޭ ހާއްސަ އެވޯޑެކެވެ.
އެގޮތުން ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 17 ކަނބަލަކަށް އެ އެވޯޑް ވަނީ ދީފަ އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަހަރުގެ ރެހެންދި އެވޯޑުގެ ދަށުން އާންމު ފަރުދުންނަށް ފަސް ދާއިރާ އަކުން ކުރިމަތިލެވޭނެ ކަމަށެވެ. އެ ދާއިރާތަކަކީ:
ސިޔާސީ ދާއިރާ
- އިގްތިސާދީ ދާއިރާ
- އިޖްތިމާއީ ދާއިރާ
- އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތް (އެކްސްޕެޝަނަލް އިންސްޓިޓިޔުޝަނަލް ސާވިސް)
- އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް"ގެ ދާއިރާ
އެ ދާއިރާގެތަކުގެ ތެރެއިން އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުން އެވޯޑްދޭ ދާއިރާ އާއި އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ އަކީ މިއަހަރު އަލަށް ތައާރަފްކުރި ދެ ދާއިރާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން މި އަހަރުގެ ރެހެންދި އެވޯޑްގައި ވަޒީފާދޭ ފަރާތްތައް، އިދާރާތައް، މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާގެ ދަށުން ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުންގެ ތަރައްގީ އާއި އަންހެނުން ބާރުވެރި ކުރުވުމާއި ޖެންޑާ މެއިންސްޓްރީމް ކުރުމުގެ ދާއިރާ ހިމެނެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، ރެހެންދި އެވޯޑަށް ކުރިމަތިލުމަށް އެދި އާންމު ފަރުދުންނާއި މުއައްސަސާތަކުން އަދި ޖަމިއްޔާ ޖަމާއަތްތަކުން ވެސް މިނިސްޓްރި އަށް ނަން ހުށަހެޅޭނެ ކަމަށެވެ. ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
މިދިޔަ އަހަރު ރެހެންދި އެވޯޑް ދީފައި ވަނީ ހަތަރު ކަނބަލަކަށެވެ. އެއީ؛
ސިޔާސީ އަދި އާންމު ހިދުމަތުގެ ދާއިރާއިން ނަޒީރާ އިބްރާހިމް މަނިކް
- އިގްތިދާސީ ދާއިރާއިން އައިމިނަތު މަޖީދާ
- އިޖްތިމާއީ ދާއިރާއިން، ސާމިޔާ ޒަކަރިއްޔާ
- އިޖްތިމާއީ ދާއިރާއިން، އިފްހާމް ހުސެއިން އެވެ.