ވޮޝިންގްޓަން( 03 ދެނުއަރީ): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އޭނާގެ ޑެސްކުގައި އަބަދުވެސް ނިކުކުލިއާ ބަޓަނެއް އިންނަ ކަމަށް ބުނެފައިވާތީވެ، އެއަށް ރައްދު ދެއްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ޑެސްކުގައި ވެސް ނިއުކުލިއާ ބަޓަނެއް އެބަހުރި ކަމަށާއި އޭގެ ބާރުވެސް މާ ވަރުގަދަވާނެކަމަށް ވިދާޅުވެއްޖެ އެވެ.

"އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެންމެ އެ ވިދާޅުވީ އޭނާގެ ޑެސްކުގައި ނިއުކުލިއާ ބަޓަން އިންނަ ވާހަކަ.އޭނާގެ ގައުމުގައި ބަނޑައްޖެހިފައިވާ މީހުންގެ ތެރެއިން މީހަކު ކިމް އަށް ބުނެދޭންވެއްޖެއެއްނު އަޅުގަނޑުގެ އަތުގައި ވެސް ނިއުކުލިއާ ބަޓަން އެއް އިންނަ ވާހަކަ. އެ އެތި މާ ބޮޑުވާނެ، ބާރުވެސް ގަދަވާނެ އަދި މަސައްކަތް ވެސް ކުރާނެ،" ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އުތުުރު ކޮރެއާގެ ލީޑަރު ކިމް ވިދާޅުވީ އެގައުމުގެ ނިއުކުލިއާ ހަތިޔާރު އެމެރިކާގެ ހުރިހާ ސަރަހައްދުތަކަށް ވެސް ފޯރާނެ ކަމަށާއި އަދި ނިއުކުލިއާ ބަޓަން އަބަދުވެސް އޭނާގެ ޑެސްކުގައި އިންނަ ކަމަށެވެ.

ކިމް އާ އާހަރު ދެއްވި ހުތާބުގައި ވަނީ މިއަހަރު ފިނި މޫސުމުގައި ފެށޭ އޮލިމްޕިކްސް އާ ބެހޭގޮތުން ދެކުނު ކޮރެއާއާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ދާދި ފަހުން އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން ވަނީ އަނެއްކާ ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އުތުރު ކޮރެއާއިން ބުނީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމައިގެ އަމަލެއް ކަމަށެވެ.

އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ދާދި ފަހުން ވިދާޅުވީ ޗައިނާ އިން އުތުރުކޮރެއާ "މައިތިރި" ކުރަން އިތުރު މަސައްކަތް ނުކުރާ ނަމަ އެމެރިކާ އިން އެކަން ކުރާނެ ކަމަށެވެ. އަދި އެމެރިކާ އާއި އުތުރުކޮރެއާ ދެމެދު ކުރާ ހަނގުރާމައެއްގައި އުތުރު ކޮރެއާ މުޅިން ސުންނާފަތި ކޮށްލާނެ ކަމަށް ނިކީ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މަސްދަރު: އާރުޓީ